ޚަބަރު

ތޫނިސް ކައިރިއަށް އިތުރު ބޯޓެއް ފެތި 29 މީހުން މަރުވެއްޖެ


އެފްރިކާ ބައްރުގެ އުތުރުގައި އޮންނަ ތޫނިސްގެ ޞަފާޤިސްގެ އައްސޭރިފަށަށް އިތުރު ބޯޓެއް ފެތި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިނގި މި ފަދަ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 29 އަށް އަރައިފިއެވެ. ތޫނިސްގެ ކޯސްޓުގާޑުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެ ބޯޓު ފެތިފައިވާ ކަމުގައެވެ.

ދެވަނަ ބޯޓު ފެތިފައި ވަނީ ޞަފާޤިސް ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ މަޙްދިއްޔާގެ އައްސޭރިފަށުގެ ހިސާބަކަށެވެ. މި ހާދިސާގައި އެ ބޯޓުގައި ދަތުރުކުރި މީހުންގެ ތެރެއިން 10 މީހުން މަރުވެފައިވާ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. މިއާއެކު، ދެ ބޯޓު ފެތުނު ހާދިސާގައި މަރުވި މީހުންގެ ޢަދަދު ވަނީ 29 އަށް އަރާފައެވެ. ތޫނިސްގެ ކޯސްޓްގާޑުން ވަނީ އެ ބޯޓުގައި ދަތުރުކުރި ފަސް މީހުން ސަލާމަތްކޮށްފައެވެ.

ފެތިފައިވާ ދެ ބޯޓުގައި ވެސް ތިބީ، ތޫނިސްއިން ފުރައިގެން މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ޤަވާޢިދާ ޚިލާފަށް އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތް ކުރި މީހުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތޫނިސްއިން ފުރައިގެން 2,000 އަށްވުރެ ގިނަ ރެފިޔުޖީން އިޓަލީވިލާތުގެ ލަމްޕެދޫސާއަށް ދަތުރުކޮށްފައިވާ ކަމުގައި އިޓަލީވިލާތުގެ މީޑިޔާއިން ރިޕޯޓުކުރެއެވެ. މިއީ ރެކޯޑު ޢަދަދެކެވެ.

މާރިޗު 25 ވަނަ ދުވަހު ތޫނިސްގެ އައްސޭރިފަށަށް ބޯޓެއް ފެތުނު ހާދިސާގައި 19 މީހުން މަރުވިއެވެ. އެ ބޯޓުގައި ތިބީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ ރެފިޔުޖީން ކަމުގައި އިންސާނީ ހައްޤުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ވެސް މިފަދަ އެހެން ހަތަރު ހާދިސާއެއް ހިނގައި، ހަތަރު ބޯޓެއް ފެތިފައިވެއެވެ. އެ ހާދިސާތަކުގައި 67 މީހަކު ކަނޑުވެ، ގެއްލިފައިވާ ކަމަށް ބެލެވޭއިރު، ނުވަ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ހަތަރު ދުވަހުގެ ތެރޭގައި ތޫނިސްއިން ފުރައިގެން އިޓަލީވިލާތަށް ދަތުރުކުރަން މަސައްކަތް ކުރި 80 ބޯޓެއް ތޫނިސްގެ ކޯސްޓްގާޑުން ވަނީ ހިފަހައްޓާފައެވެ. އަދި، 3,000 އަށްވުރެ ގިނަ ރެފިޔުޖީން ވަނީ ހައްޔަރުކޮށްފައެވެ.

ތޫނިސްގައި ދިރިއުޅޭ އެފްރިކާ ބައްރާއި މެދުއިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ ރެފިޔުޖީން ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން ބޭނުންކުރާ މައި މަގަކަށް ޞަފާޤިސް ވަނީ ވެފައެވެ. އިޓަލީވިލާތަށް ހަޖުރަކުރާ ރެފިޔުޖީންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެފައި މި ވަނީ، ތޫނިސްގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ރެފިޔުޖީން ހޯދައި، އެ މީހުންގެ އަމިއްލަ ޤައުމަށް އެ މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ތޫނިސްގެ ސަރުކާރުން ފެށުމާ ގުޅިގެންނެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް މި އަހަރުގެ ތެރޭގައި އިޓަލީވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން 12,000 މީހުންނަކީ ތޫނިސްއިން ފުރައިގެން ދަތުރުކޮށްފައިވާ މީހުން ކަމުގައި އ.ދ.އިން ބުނެއެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ދަތުރުކޮށްފައި ވަނީ އެންމެ 1,300 މީހުންނެވެ. މީގެ ކުރިން، އިޓަލީވިލާތަށް އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކުރަނީ ލީބިޔާ މަގުންނެވެ.

ބޯޓުފަހަރުގައި އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތް ކުރި 14,000 އަށްވުރެ ގިނަ މީހުން މި އަހަރުގެ މިހާތަނަށް ހުއްޓުވާފައިވާނެ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެ ޢަދަދު ރެކޯޑު ކުރެވިފައި ވަނީ 2,900 ގައެވެ.