ޚަބަރު

ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ.އަލީ ޒާހިރު


ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޑރ. ޢަލީ ޒާހިރު އެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ރަސޫލާ ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ޑރ.އަލީ ޒާހިރު ބައްލަވާލެއްވިއެވެ.

ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްސީލުކޮށްދެއްވިއެވެ. އަދި ރޯދަ ހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތައް ތަފްސީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރަސޫލާ ﷺގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން ފޯރަމެއް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައެވެ.