ޖެންޑާ ޑިސްކްރިމިނޭޝަން ނުވަތަ ޖިންސީ ތަފާތުކުރުންތަކުގެ ވާހަކައަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް ވަކާލާތު ކުރެވޭ އެއް މަޢުޟޫއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ދެ ޖިންސުގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް ޤަވާޢިދުތަކާއި ޤާނޫނުތަކެއް ހެދިފައިވާއިރު ސުވާލަކީ އަމިއްލަ ދިރިއުޅުމުގައި މި ހަމަހަމަކަން ބޭނުންކުރެވޭތޯއެވެ.
ޙާއްސަކޮށް ގޭތެރޭގެ މާޙައުލަށް ބަލާއިރު ބަދިގެއަކީ އެންމެ ގިނައިން އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަށް ބަހުސް ކުރެވޭ އެއްތަނެވެ. ސަބަބަކީ ''ބަދިގެ'' މާނަކުރެވިފައި އޮންނަނީ ހަމައެކަނި އަންހެނުން ޙިއްސާވާ ތަނެއްގެ ގޮތުގައެވެ. ވަނީވެސް އެހެންތާއެވެ! ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ވިސްނުވައިދީފައި މިއޮންނަނީ އެންމެ ކުޑައިރުއްސުރެ ބަދީގެ ކަންތަކުގައި މަސްޢޫލުވާން ޖެހޭނީ ހަމައެކަނި އަންހެން ކުދިން ނުވަތަ އަންހެނުންކަމުގައެވެ.
އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއެކު މީހުންގެ ވިސްނުން ކުރިއަށް ވުރެ ފުޅާވެ މިކަހަލަ ބޯދާ ވިސްނުން ގެންގުޅޭ މީހުން އަންނަނީ މަދުވަމުންނެވެ. ބަދިގެއަކީ އަންހެންވެރިންގެ ތަނެކޭ ބުނުމުގެ ބަދަލުގައި، ބަދިގެތެރޭގައި އަންހެނުންގެ އިތުރަށް، ފިރިހެނުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމުގެ ފިކުރުގެންގުޅޭ ދެ ޖިންސުގެ މީހުން މަދުންނަމަވެސް އަންނަނީ ފެންނަމުންނެވެ.
ހަމައެކަނި ބާޒާރުން ގަންނަން ޖެހޭ އެއްޗެހި ގަނެގެން އައިސް ބަދިގެއަށް ލައިދިނުން އެއީ އަދި ބަދިގޭގެ މަސައްކަތްތައް ކުރުމެއް ނޫނެވެ. ބަދިގޭގެ މަސައްކަތް ކުރުން ކަމުގައި ބެލެވޭނީ ޢަމަލީ ގޮތުން ބަދިގެތެރޭގައި ޙަރަކާތްތެރިވުމެވެ.
ބަދިގެތެރޭގައި އުޅޭ އަންހެނުންނަށް އެހީގެ އަތެއް ފޯރުކޮށްދޭން ބޭނުންކަމުގައިވާނަމަ އެކަމަށް އެންމެ ރަނގަޅު މަހަކީ މި ބަރަކާތްތެރި ރަމަޟާން މަހެވެ. ރަމަޟާންމަހަކީ ސުފުރާމަތި ތިޔާގި މައްސަރެކެވެ. ތަފާތު ބާވަތްތަކުގެ ހެދިކާއާއި ފަނި ސުފުރާމަތިން ފެނިގެންދާނެ މައްސަރެކެވެ. އެހެންކަމުން މިއިން ބާވަތެއް ހަދާލުމަށްޓަކައި އެހީވުމަކީ ކުރެވިދާނެ ކަމެކެވެ.
އެގޮތުން އެދުވަހެއްގައި ހަދާ ބަވާތަކަށް ތަރުކާރީ ނުވަތަ މޭވާ ކޮށާ ކަމުގައި ވާނަމަ ދެ ބައި މީހުންނަށް ބަހާލައިގެން ކޮށާލެވިދާނެއެވެ. މިއީ މަސައްކަތުގެ ފޯރިގަދަވެ، ޢާއިލީގުޅުންވެސް އިތުރުވާ ކަމެކެވެ. ހަމަމިއާއެކު ސުފުރާމަތި ތައްޔާރުކުރުމުގައި ތަށިތައް އެތުރުމާއި، ކާއެއްޗެހި މޭޒުމައްޗަށް ނެގުމާއި، ރޯދަ ވީއްލައި ނިންމުމަށްފަހު ތަށިތައް ނެގުމާއި ދޮވުމުގައިވެސް ފިރިހެނުންނަށްވެސް އެހީތެރިވެވިދާނެއެވެ.
މިއީ ހައްތަހާވެސް ކުރެވިދާނެ ކަންތައްތަކެވެ. މިފަދަ ކުދި ކުދި ޢަމަލުތަކަކީ ދެމަފިރިންގެ އިތުރުން މަންމައާއި ދަރިން އަދި އެއްބަނޑު އެއްބަފާ އަޙުންނާއި އުޙުތުންގެ ދެމެދުގައި ވާ ލޯބި އިތުރުވެ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭނެ ފިޔަވަޅެއް ކަމުގައި ނޫނީ ނުވާނެއެވެ.