ޚަބަރު

ރަމަޟާންމަހަކީ ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް


ދުނިޔެމަތީގައިވާ އެންމެ މާތް އެއް ގުޅުމަކީ ރަހިމުގެ ގުޅުމެވެ. ނުވަތަ ޢާއިލީ ގުޅުމެވެ. އެހެނީ އެ އެގުޅުން ދެމެހެއްޓުމަށް، ކީރިތި ޤުރްޢާނާއި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުﷺ ވަނީ ބާރުއަޅުއްވާފައިއެވެ.

ރަސޫލާﷺ ގެޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރަހިމުގެ ގުޅުން ކަނޑާ މީހާ ސުވަރުގެނުވަންނަ ހުއްޓެވެ". މި ބަސްފުޅުން އެކަނި ވެސް ރަހިމުގެ ގުޅުން ނުވަތަ ޢާއިލީ ގުޅުމުގެ ވަރުގަދަކަން ހާމަކޮށްދެއެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް މި ގުޅުން ދެމެހެއްޓޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު މި މަސް ވެގެންދާނީ ޢާއިލީ ގުޅުން ބަދަހި ކުރުމަށް ލިބޭނެ ރަނުގެ ފުރުޞަތަކަށެވެ.

ޢާއިލީ ގުޅުން ބަދަހިކުރެވޭނީ ކިހިނެއް؟

ކޮންމެ މީހަކުވެސް ޒަވާޖީ ޙަޔާތެއް ފެއްޓުމާއެކު ދެން އުޅޭނީ އެމީހެއްގެ އަމިއްލަ ކަންތަކުގައެވެ. ޙަޤީޤީ ދިރިއުޅުމެއް ހޯދުމަށްޓަކައި މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާ ދުރުގައ ތިބެގެން ތިމާގެ އަމިއްލަ ދިރިއުޅުން ބައްޓަން ކުރުމަށްޓަކައި މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. މި ކަމުގެ ސަބަބުން ގިނަ ފަހަރަށް ޢާއިލާއަށް ދޭން ޖެހޭ ވަގުތު ނުދެވި އެބައެއްގެ މެދުގައި އޮންނަ ރަހިމުގެ ގުޅުން ހީނަރުވާ ގޮތްވެއެވެ.

އެހެންނަމަވެސް މި ރަމަޟާން މަހު އެފަދަ ކަމަކަށް ޖާގަ ނުދީ އޭގެ ބަދަލުގައި ގުޅުންތައް ވަރުގަދަކުރުމަށްޓަކައި ކޮންމެ ބަޔަކަށްވެސް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން އަޅުކަންތަކުގައި މަސްޢޫލުވާއިރު އެ ޢާއިލާއެއްގެ އެންމެން އެކުގައި ބައިވެރިވުން ހިމެނެއެވެ. އެންމެން އެކީ ތަރާވީސްނަމާދަށް ދިއުމާއި، ދަމުނަމާދު ކުރުން ހިމެނެއެވެ. ހަމައެއާއެކު އެ ޢާއިލާއެއްގައި ކުޑަކުދިން ގިނަކަމުގައި ވާނަމަ އެކުދިންގެ މެދުގައި ވާދަވެރި މާޙައުލެއް ޤާއިމްކުރުމަށްޓަކައި ޤުރްޢާން ކިޔެވުމާއި، ޒިކުރުތަކާއި ދުޢާތައް ނުބަލައި ކިޔޭނެގޮތަށް ވަނަތަކާ އެކު މުބާރާތެއް ބޭއްވުން ވެސް މިއީ ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން ރޯދަވީއްލާ ވަގުތު ހުރިހާ އެންމެން ބައިވެރިވާ ގޮތަށް ކާއެއްޗެހި ތައްޔާރު ކުރުން ހިމެނެއެވެ. މިސާލަކަށް ބަލާކަމުގައިވަނީނަމަ ރަމަޟާން މަހުގެ 30 ދުވަހަށް ބަހާލައިގެން، ޢާއިލާގެ އެކިއެކި ގޭގެއަށް ތަފާތު ބާވަތުގެ ކާނާ ތައްޔާރު ކުރަން ޙަވާލު ކުރެވިދާނެއެވެ. އަދި ރޯދަވީއްލާ ވަގުތު އެންމެން ޖަމާވާނެ ތަނެއް އެބައެއްގެ ތެރޭގައި ނިންމުމަށް ފަހު އެތަނަކަށް ރޯދަވީއްލަން ދެވިދާނެއެވެ.

މަންމައާއި ބައްޕައާއި އެއްކޮށް ގޭގެ ފެންޑާގައި ނުވަތަ ސޯފާގައި ތިބެގެން ކުޑައިރުގެ މަޖާ ވާހަކަތަކާއި މިހާރުގެ ދިރިއުޅުމުގައި ހިނގަމުންދާ ކަންތައްތަކާއި، އުފާވާ ކަންތަކާއި ދެރަވާ ކަންތަކާއި، އަދި ކަންބޮޑުވާ ކަންތަކާއި ނުރުހުންވާ ކަންތައް ފާހަގަކޮށް ތިމާގެ އިޙްސާސްތައް ޢާއިލާ މެންބަރުންނާއި ހިއްސާކުރުމަކީވެސް ޢާއިލީ ގުޅުން ބަދަހިވެ ވަރުގަދަވުމަށް އެޅޭ ބިންގަލެކެވެ.

މި ދުނިޔެމަތީގައި ތިމާއެކު ވާނެ އެންމެ ގާތް އެކުވެރިންނަކީ ޢާއިލާ މީހުންނެވެ. ދިރިއުޅުމުގައި ދިމާވާ އަޑިތަކާއި އުސްތަކުގައި ތިމާ ނަގާ ކޮންމެ ފިޔަވަޅަކާއެކު ހިޔަނިހެން ގާތުގައި ތިބޭނެ ބަޔަކީ އެއީއެވެ. އެހެންކަމުން ޢާއިލީ ގުޅުން ހީނަރުވިޔަނުދީ ވަރުގަދަކޮށް، ދެމެހެއްޓުމަށްޓަކައި ތިބާގެ ބިޒީ ޝެޑިއުލުން ވަގުތުކޮޅެއް މި ރަމަޟާން މަހު ހުސްކޮށްލާށެވެ.