ކުޅިވަރު

ބޮޑީބިލްޑިން އެސޯސިއޭޝަނުގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް އިއްބެ


ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގެ ރައީސްގެ މަގާމުގެ ތިންވަނަ ދައުރަކަށް އެ މަގާމު މިހާރުވެސް ފުރުއްވަމުން އަންނަ އިބްރާހީމް ހަމީދު (އިއްބެ) އިންތިޚާބުވެވަޑައިގެންފިއެވެ.

އިއްބެގެ ނިމިދިޔަ ދެ ދައުރުގެ ތެރޭގައި ދިވެހި ބޮޑީބިލްޑިންގެ ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ހާއްސަކޮށް ގިނަ މެޑަލްތަކެއް ރާއްޖެއިން ހޯދިއިރު، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

އާ ދައުރަކަށް އިއްބެއާއެކު އިންތިހާބުވީ ވައިސް ޕްރެޒިޑެންޓް/ޓްރެޝަރާ އަހުމަދު އައިމަން، އެގްޒެކްޓިވް މެމްބަރު އަހުމަދު ލިޒާމް، އެގްޒެކްޓިވް މެމްބަރު މުހައްމަދު ނަޒީހު އަދި އެގްޒެކްޓިވް މެމްބަރު މުހައްމަދު ނާޝިދު އެވެ. މި ދައުރު ހަމަވާނީ 2027 ގައެވެ.

މަޤާމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އިއްބެ ވިދާޅުވީ މިހާރު އޮތް ލީޑަޝިޕްގައި ވެސް ތިބީ ޒުވާން، ކެރޭ އަދި ހިންގުންތެރި ޓީމެއް ކަމަށާއި ހިލޭ ސާބަހަށް ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގައި ސާބިތުކަން ދައްކައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އާ ހިންގާ ބޯޑު އިންތިހާބުވުމާއެކު އޭޝިއާ އާއި ދުނިޔޭގެ މައި ބޮޑީބިލްޑިން ޖަމިއްޔާ އިން ވަނީ ހޫނު މަރުހަބާ ކިޔައިފަ އެެވެ. އިއްބެ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އިއްބެ ވަނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.