ޚަބަރު

ސަޢޫދީ ޢަރަބިއްޔާއިން ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ


ސަޢޫދީ ޢަރަބިއްޔާއާއި ސޫރިޔާއިން ދެ ޤައުމުގެ ރައްޔިތުންނަށް ޚާރިޖީ ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިންނެވެ. މިއީ، 10 އަހަރު ކުރިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މެދުކަނޑައިލުމަށްފަހު، ޚާރިޖީ ޚިދުމަތްތައް އަލުން ފެށުމާ ގުޅޭ ގޮތުން ދެ ޤައުމުން މަޝްވަރާކުރާ ފުރަތަމަ ފަހަރެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ސަޢޫދީ ދަޢުލަތުގެ މީޑިޔާއިން ބުނީ، ސަޢޫދީ ޢަރަބިއްޔާއާއި ސޫރިޔާއާ ދެމެދު ރަސްމީކޮށް މަޝްވަރާތައް ފަށާފައިވާ ކަމަށާއި، މި މަޝްވަރާތަކުގެ އަމާޒަކީ ދެ ޤައުމުގެ ރައްޔިތުންނަށް އަލުން ޚާރިޖީ ޚިދުމަތްތައް ދޭން ފެށުން ކަމުގައެވެ. ނަމަވެސް، އެ ޚިދުމަތްތައް އަލުން ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ދެ ޤައުމުގެ ރައްޔިތުންނަށް ޚާރިޖީ ޚިދުމަތްތައް އަލުން ފޯރުކޮށްދިނުމުގެ މަޝްވަރާތައް ސަޢޫދީ ޢަރަބިއްޔާއިން ފަށާފައި މި ވަނީ، މެދުއިރުމަތީގެ ޤައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ސަޢޫދީ ސަރުކާރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ދާދި ފަހުން ވަނީ ހަތް އަހަރަށްފަހު އީރާނާ އެކު ވެސް ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން ސޫރިޔާއާ އެކު އޮތް ގުޅުން ކަނޑައިލާފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ހިސާބުންނެވެ. ނަމަވެސް، ފަހަކަށް އައިސް ސަޢޫދީ ސަރުކާރުން ދަނީ، ސޫރިޔާއާ އެކު އަލުން ގުޅުން ގާއިމުކުރަން ބޭނުންވާ ފަދަ އިޝާރާތްތަކެއް ކޮށްފައެވެ. ތުރުކީވިލާތާއި ސޫރިޔާއަށް ފެބްރުވަރީ 6 ވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތައް ކޮންޓްރޯލް ކުރަމުން ދަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނެވެ. ސަޢޫދީ ޢަރަބިއްޔާއިން ފޮނުވި އެހީގެ ސާމާނު، އެ ޖަމާޢަތްތަކުގެ އިތުރުން ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ވެސް ފޮނުވާފައިވެއެވެ.

ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއިން ސޫރިޔާއަށް އެހީގެ ސާމާނު ފޮނުވާފައި ވަނީ އެ ޤައުމުގެ ސަރުކާރާ ގުޅިގެންނެއް ނޫނެވެ. ސަޢޫދީން ސޫރިޔާއަށް އެހީ ފޮނުވާފައި ވަނީ ރެޑް ކްރެސެންޓް މެދުވެރިކޮށެވެ. ސޫރިޔާގެ ސަރުކާރާ ގުޅުން ކަނޑައިލާފައިވާ ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކުން ސޫރިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ސޫރިޔާގައި އިންސާނީ އެހީއަށް ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަރަބި ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް ސޫރިޔާ ސަރުކާރުގެ އެއްބާރުލުން ހޯދަން ޖެހިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން ދާދިފަހުން ވިދާޅުވެފައިވެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛުލް އަސަދު މާރިޗު މަހުގެ 19 ވަނަ ދުވަހު ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އަށް ވެސް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޢަރަބި ލީގުގެ ޤައުމުތަކުން ސޫރިޔާ އެކަހެރިކޮށްފައި ވަނީ، 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. މީގެ 11 އަހަރު ކުރިން ފެށި އެ ހަނގުރާމައިގައި ސޫރިޔާގެ ޢާންމުންގެ އެތަކެއް ހާސް ބަޔަކު މަރުވިއެވެ. އަދި، އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ގެއްލި، އެ މީހުން ވަނީ ރެފިޔުޖީންނަށް ވެފައެވެ. މި ހަނގުރާމަ ފެށުނީ، އަސަދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެއް ހުއްޓުވަން އޭނާ ބާރުގެ ބޭނުންކުރަން ފެށި ހިސާބުންނެވެ.