ރާއްޖޭގައި 2 ރިސޯޓް ހިންގާ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ރިސޯޓް ތަރައްޤީކުރުމަށް ނަގާފައިވާ ލޯނެއް، ގްރީން ލޯނަކަށް ބަދަލުކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ 180 މިލިއަން ޑޮލަރުގެ ލޯނު އެ ކުންފުންޏަށް ހަމަޖައްސާފައިވަނީ ސިންގަޕޫރުގެ ޑީބީއެސް ބެންކާއި އެޗްއެސްބީސީގެ އިތުރުން ޔޫއޯބީ ބެންކުންނެވެ.
ސިންގަޕޫރުގެ 3 ބޭންކުން ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ގްރީން ލޯނަކީ ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއުތަކަށް އެކަނި ދޭ ހާއްސަ ލޯނެކެވެ. މިއީ ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް މިލޯން ލިބުން ފުރަތަމަ ފަހަރެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުންޏަކަށް މިފަދަ ލޯނެއް ލިބުން ފުރަތަމަ ފަހަރުވެސްމެއެވެ.
ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި 2 ރިސޯޓް ހިންގާ ކުންފުންޏެކެވެ. އެއީ ރިޓްޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓާއި ޕަޓީނާ މޯލްޑިވްސް ރިސޯޓެވެ.
މިކުންފުންޏަށް ގްރީން ލޯން ލިބިފައިވަނީ އެކުންފުނިން ހިންގާ ރިސޯޓްތަކަށް "އެކްސެލެންސް އިން ޑިޒައިން ފޯ ގްރޭޓާ އެފިޝެންސީޒް" ސެޓިފިކެޓް ލިބުމުންނެވެ.
މިސެޓްފިކެޓް ލިބެނީ ތިމާވެޓާއި ރައްޓެހި އަދި ގިނަ އަދަދެއްގެ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ރިސޯޓްތަކަށެވެ. އެކުންފުންޏަށް ލިބިފައިވާ ގްރީން ލޯންގެ ސަބަބުން ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 180 މިލިއަން ޑޮލަރުގެ ބޭންކު ލޯނު މިހާރު ވަނީ ގްރީން ލޯނަށް ބަދަލުކޮށްފައެވެ.
ޕޮންޓިއެކް ލޭންޑް ގްރޫޕަށް ލިބުމުން އެގްރޫޕުގެ ސީއީއޯ ޑޭވިޑް ސާންގް ވަނީ ދުނިޔޭގެ އެންމެ މަޤބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެމުން، ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަން ކުރިއަރުވާ އިތުރަށް ފުޅާކުރަން އެގްރޫފުން މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.
ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި އުކާލާ ބާވަތުގެ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ދިރާސާތަކާއި މުރަކަ އިންދުމާއި ވެލާ ކަހަނބު ރިހެބިލިޓޭޓް ކުރުން ފަދަ ކަންތައްތައް ދަނީ ކުރަމުންނެވެ.