ޚަބަރު

ރޯދަމަހުވެސް ކަސްރަތު ކުރެވޭނެ، ނަމަވެސް ސަމާލުވާންވީ މި ކަންކަމަށް


ރޯދަމަހު ރޯދައަށް ހުރެގެން ކަސްރަތު ކުރުމަކީ ޞިއްޚީގޮތުން ކޮން ކަހަލަ ކަމެއްތޯ، މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ.

މި ކަމުގައި ޑޮކްޓަރުންގެ ޖަވާބަކީ ރޯދައަށް ހުރެގެންވެސް ކަސްރަތުކުރުމަށް އެއްވެސް ހުރަހެއްނެތްކަމެވެ. ނަމަވެސް އާދައިގެ ދުވަސްތަކުގައި ކަސްރަތު ކުރާކުރުމާއި، ރޯދައަށްހުރެ ކަސްރަތުކުރުމުގައި ސަމާލުކަންދޭންޖެހޭނެ ބައެއްކަންކަން އެބަހުއްޓެވެ.

އާންމު މަސްމަހުގައިވެސް ކަސްރަތު ކުރާ ފަރާތްތަކުން ކަސްރަތުކުރުން ހުއްޓާ ނުލާ ރޯދަ މަހުވެސް ކަސްރަތުކުރުން މުހިންމު ކަމަށް ޑޮކްޓަރުން ލަފާދެއެވެ. ރޯދަ މަހަކީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަ މަހެކެވެ. ޚާއްސަކޮށް ކެއިން ބުއިމަށް ބައެއް މީހުން ބޮޑު ބަދަލެއް ގެނެއެވެ.

ދުވާލު ނުކައި ހުރުމަށްފަހު ރޯދަވީއްލާ ގަޑީގައި އެއްފަހަރާއި ގިނައިން ކެއުމަކީވެސް ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް މިއީ ހަށިގަނޑުގެ ބުރަހެލިކަން އިތުރުވެގެންދާނެ ކަމެކެވެ. އަދި ބައެއް މީހުން ރޯދަ މަސް ނޫން ދުވަސްތަކުގައި ކަސްރަތު ކުރިނަމަވެސް ރޯދަމަހަށް އެކަން ހުއްޓާލައެވެ.

ރޯދަމަހު ކަސްރަތުކުރުން ރަނގަޅު ބައެއް ގަޑިތަކުގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރައްވަނީ އިރުއޮއްސުމުގެ ގާތްގަނޑަކަށް 90 މިނިޓް ކުރިންނާއި، ރޯދަ ވީއްލައިގެން ގަޑިއެއްހާއިރު ފަހުން، ނުވަތަ ރޭގަނޑާއި ފަތިހުގެ ވަގުތުތައް ހިމެނެއެވެ.

ރޯދަމަހު ކުރެވޭނީ ކޮންކަހަލަ ކަސްރަތެއް؟

ރޯދަމަހު ހުރިހާ ކަސްރަތެއްވެސް ކުރެވިދާނެވެ. ނަމަވެސް ކޮންމެސް ވަރަކަށް ކަސްރަތުތަކަށް ބަދަލުގެންނަންޖެހެއެވެ. ރޯދަމަހު ކާޑިއޯ ނުވަތަ ދުވެގެން ނުވަތަ ގިނައިން ހިނގައިގެން ކުރާ ކަސްރަތުތައް މަދުކޮށްލުން މުހިންމެވެ. ސަބަބަކީ ރޯދަމަހު ކެއުމާއި ބުއިމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެނާއި، ޕްރޮޓީން ފޯރުކޮށް ނުދެވިދާނެތީކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.

ރޯދައަށް ހުންނައިރު ހަށިގަނޑުން ކާބޯ ހައިޑްރޭޓްސް ރައްކާކުރެއެވެ. އެއީ ހަކަތަ ހޯދުމަށްޓަކައެވެ. މީގެ ސަބަބުން މަސްތައް މާބޮޑަށް ވަރުގޮސް ހިކޭގޮތް މެދުވެރިވެދާނެއެވެ. މިހެންކަމުން ކާޑިއޯ މަދުކޮށް ރެސިސްޓެންސް ޓްރެއިނިން ހެދުން މުހިންމެވެ. ރެސިސްޓެންސް ޓްރެއިނިންއަކީ މަސްތަކުގައި ވަރުޖެއްސުމަށް ކުރާ ކަސްރަތުތަކެވެ.

އެގޮތުން ސްކުއަޓްސް، ޕުޝްއަޕްސް ފަދަ ކަސްރަތުތަކާއި، ބަރު އުފުލައިގެން ކުރާ ކަސްރަތުތައް ރޯދަ މަހު ކުރާ މިންވަރު އިތުރުކުރުން މުހިންމެވެ. ރޯދައަށް ހުރެގެން ލޯ އަދި މޮޑަރޭޓް އިންޓެންސިޓީ ވޯކްއައުޓްއެއް ކުރެވިދާނެ ކަމަށާއި، މިކަމުގައި އެއްވެސް ޞިއްޚީ ނުރައްކަލެއް ނެތް ކަމަށް މާހިރުން ބުނެއެވެ. ރޯދައަށް ހުންނައިރު ހައި އިންޓެންސިޓީ ވޯކްއައުޓް ކުރާނަމަ ހަށިގަނޑުގައި ފެން މަދުވެ، ބްލަޑް ޕްރެޝަރ ދަށްވެ، ހަކުރުގެ މިންވަރު ތިރިވެދާނެތީކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތަށް ކަންތައް ވާނަމަ ރޭގަނޑު ގަޑީގައި ކަސްރަތުކުރުން މުހިންމެއެވެ.

ރޯދައަށްހުރެ ހިނގުމަކީވެސް މިއީ ކުރެވިދާނެ ކަމެކެވެ. ހިނގާލަން ނުކުންނާށެވެ. ހިނގަން ދިއުމުން ހިތުގެ ތެޅުން އަވަސްވެ، ހަށިގަނޑުގައި ލެޔާއި އޮކްސިޖަން ގިނައިން ދައުރުވެ، އެތެރެ ހަށީގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭނެތީއެވެ. މާ ބާރަށް ހިނގާނަމަ ވަރުބަލި ވާނެއެވެ. މަޑުމަޑުން ހިނގާށެވެ. މިއީ ނަފްސާނީގޮތުންވެސް ސިކުނޑި ހަމަޖައްސާލެވޭނެ ކަމެކެވެ.