ޚަބަރު

ފަލަސްޠީނުގައި ރައްޔިތުންނެއް ނުތިބޭނެކަމަށް ބުނި ޔަހޫދީ ވަޒީރު ހޫނުފެނަށް


ފަލަސްޠީނަކީ އޮތް ތަނެއް ނޫން ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނެއް ނުތިބޭނެ ކަމަށް ބުނި ޔަހޫދީ ޒަޔަނިސްޓު އިސްރާޢީލުގެ ވަޒީރަކަށް ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެއެވެ. ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް މި ފަދައިން ވާހަކަދައްކާފައި ވަނީ ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ މާލީ ވަޒީރު ބިޒާލިލް ސްމޮޓްރިޗެވެ.

އޭނާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް މި މޭރުމުން ވާހަކަދައްކާފައި ވަނީ ފަރަންސޭސިވިލާތަށް ކުރި ދަތުރެއްގައި ބޭއްވި އަމިއްލަ ހަފުލާއެއްގައެވެ. އެ ހަފުލާގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ފެތުރިފައިވާއިރު، އެއިން ފެންނަ ދުނިޔޭގެ ޗާޓުގައި ފަލަސްޠީނެއް ނޯވެއެވެ. ސްމޮޓްރިޗް ދެއްކި ވާހަކަތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސްމޮޓްރިޗަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވި އެއް ބޭފުޅަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވެދާންތް ޕަޓޭލްއެވެ. އޭނާ ވިދާޅުވީ ސްޓޮމްރިޗު ދައްކާފައި ވަނީ ވަރަށް އިހާނެތި ވާހަކަތަކެއް ކަމުގައެވެ. އަދި، އެ ފަދަ ވާހަކަތަކުގެ ސަބަބުން ސުލްޙައަށް ހުރަސްއެޅި، ނުރައްކާތެރި ހާލަތެއް އުފެދިގެންދާނެ ކަމުގައެވެ.

"އޭނާ ދައްކާފައި ވަނީ ތާރީޚީ ގޮތުން ބަލާއިރު ވެސް ހަމަޖެހޭ ވާހަކައެއް ނޫން. އަދި، އެއީ ވަރަށް އިހާނެތި އަދި ނުރައްކާތެރި ވާހަކަތަކެއް. ފަލަސްޠީނަކީ ވަރަށް މުއްސަނދި ތާރީޚެއް އޮތް ތަނެއް. އަދި ފަލަސްޠީނުގެ ރައްޔިތުންނަކީ ކުލަގަދަ ސަގާފަތަކާއި އާދަކާދަތަކެއްގެ ވެރި ބަޔެއް. ފަލަސްޠީނުގެ ރައްޔިތުންނާއި އެމެރިކާއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް،" ޕަޓޭލް ވިދާޅުވިއެވެ.

ސްމޮޓްރިޗް ވާހަކަދައްކަން ހުރި ޕޯޑިޔަމްގެ ފަހަތުގައިވާ ދުނިޔޭގެ ޗާޓަށް ވެސް ޕަޓޭލް ފާޑުވިދާޅުވިއެވެ. ވިދާޅުވީ، އެ ޗާޓުގައިވާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތެއް ނޫން ކަމުގައެވެ. ސްމޮޓްރިޗް ފަރަންސޭސިވިލާތަށް ގޮސްފައި ވަނީ އަމިއްލަ ދަތުރެއްގައެވެ. އަދި، މި ދަތުރުގައި ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެއްވެސް އޮފިޝަލަކު އޭނާއާ ބައްދަލުކުރައްވާފައެއް ނުވެއެވެ.

ސްމޮޓްރިޗް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ވާހަކަދައްކާފައި މި ވަނީ، ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިސްރާޢީލުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ޓެރެރިސްޓު އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލީހުން ދާދިފަހުން ވަނީ އެ ކަމަށް ތާޢީދުކޮށް ވޯޓުލާފައެވެ. އެމެރިކާއިން ވަނީ މި ކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވާ ކަމެއް. އަދި، ޔަހޫދީން ވަޒަންވެރިކުރުމަށް ތާޢީދުކޮށް އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލިސް – ނެސެޓުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ މައްސަލައެއް. 2005 ވަނަ އަހަރު އެކުލަވައިލި ޤާނޫނެއްގެ ބައިތަކެއް ބާޠިލުކުރަން ނެސެޓުން ނިންމުމުގެ ސަބަބުން ފަލަސްޠީނާއި އިސްރާޢީލާ ދެމެދު ސުލްޙަ ގާއިމުކުރަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ،" ޕަޓޭލް ވިދާޅުވިއެވެ.