ޚަބަރު

ދިވެހިންގެ އާދަކާދައަށް ބޮޑު ބަދަލެއް ގެނުވާ 30 ދުވަސް


ކޮންމެ އަހަރެއްގައި އަންނަ ބަރަކާތެރި ރަމަޟާން މަހަކީ ދިވެހިންގެ އާދަކާދައާއި، އުޅުމަށް ބޮޑު ބަދަލެއް ގެނުވާ މައްސަރެކެވެ. އާންމު މަސްތަކާއި ޚިލާފަށް ރޯދަމަސް ޚާއްސަ ވެގެންދަނީ ދީނީ ގޮތުން މިމަހުގެ މާތްކަން ޚާއްސަވެފައިވުމާއި، އެކުވެރިކަމާއި އެއްބައިވަތަކަމުގެ މައްސަރެއްގެ ގޮތުގައި މިމައްސަރު ވާތީވެސްމެއެވެެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް ދިވެހިންނާއި ކުރިމަތިލީ އަހަރުގެ ވަރަށް ކުރީކޮޅުގައެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސް ނިމި ދެވަނަ ދުވަހާއި ބައްދަލުކުރާއިރު، ރަމަޟާން މަހެއްގައި ދިވެހިންގެ އާދަކާދައާއި އުޅުމަށް އަންނަ ބަދަލުތައް މިރޯދަމަހުވެސް ދަނީ ފެންނަމުންނެވެ.

އެންމެ ބޮޑު ސަމާލުކަމެއް އަޅުކަންތަކަށް!

ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށް ވާއިރު، ރޯދަމަހުގެ ދަރުމައާއި ސަވާބު ހޯދުމަކީ ދިވެހިން އެންމެ އިސްކަންދޭ އެއްކަމެވެ. ގަޑިން ގަޑިއަށް ފަރުޟު 5 ނަމާދު ކުރުމާއި، ރަމަޟާން މަހުގައި ޚާއްސަ ވެގެންވާ ނަމާދުތަކުގައި ޖަމާއަތުގައި ކުރުމަކީ ދިވެހިންގެ ރީތި އާދައެކެވެ.

ނަމާދު ގަޑީގައި ބައެއް މިސްކިތްތައް ފުރި ބޭރުގައި ނަމާދު ކުރަން ތިބެން ޖެހޭ ފަހަރު ވެސް އާދެއެވެ. ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމުގައި ހޭދަކޮށް ރޯދަ މަހުގެ ބަރަކާތާއި، ދަރުމަ ހޯދުމަށް އެކި ގޮތްގޮތަށް އަޒުމް ކަނޑައަޅައި މަސައްކަތް ކުރެއެވެ. ރޯދަމަހު ރޭގަނޑުގެ ވަގުތުގަކުގައި ޚާއްސަ ކުރެވިފައިވާ ތަރާވީސް ނަމާދާއި، ދަމު ނަމާދު ކުރުމަށް ގިނަ ބަޔަކު އަވަސްގަނެއެވެ.

ފިނިބުރު ޖަހަން ނިކުތުން:

ކޮންމެ ރޯދަމަހެއްގައިވެސް ދިވެހިންގެ ތެރޭގައި އޮންނަ ރީތި އާދަތަކުގެ ތެރެއިން އެއްކަމަކީ ހަވީރު ފިންޏަަށް ބުރުޖަހަން ނިކުތުމެވެ. ދަރިން ގޮވައިގެން ފިނިބުރު ޖަހައި، މަޑި އަރުވައި ހިތް އުފާކޮށްލުމަކީ ރޯދަ މަހުގެ ހަވީރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފެންނަ ހިތްގައިމު މަންޒަރެކެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގެ ކާރޫ ބާރޫ ބޮޑު ކަމާއިއެކުވެސް ފިނި ބުރެއް ޖަހާލަން ނިކުތުމަކީ ގިނަ ބައެއްގެ އާދައެކެވެ.

ރޯދަ މަހު ފިނި ބުރު ޖަހަން ނުކުންނަ އިރު ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އެހެން މަސް މަހާ އަޅާ ބަލާއިރު، ރޯދަ މަހަކީ އެކްސިޑެންޓުތައް ހިނގުން ގިނަ މަހެކެވެ. އެހެންކަމުން މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެހެން ނޫނީ އެކަމުން ތިމާއަށްވެސް އަދި އެހެން މީހަކަށްވެސް އެކަމުން ލިބޭނެ ގެއްލުން ބޮޑުވެދާނެއެވެ.

ސުފުރާމަތި ތިޔާގި މައްސަރެއް:

ރޯދަމަހަކީ ކެއިން ބުއިމަށްވެސް ބޮޑު ބަދަލެއް ގެނުވާ މައްސަރެކެވެ. ދުވާލު ހަތަރުދަމު ރޯދައަށް ހުރުމަށްފަހު މަޣުރިބު ނަމާދުގެ ބަންގިއާއެކު ރޯދަ ވީއްލުމަށް ކޮންމެ ގެއެއްގައިވެސް އެއާއިލާއެއްގެ ކެރިފޯރުން ތެރިކަން ހުންނަ ވަރަކުން އެންމެ ފުރިހަމައަށް ސުފުރާމަތި ތައްޔާރުކުރެވެ.

ކޮންމެ ގެއެއްގައި ވެސް ބަލަނީ ރަހަ މީރު ހެދިކާއާއި އެ ނޫންވެސް ތަކެތި ތައްޔާރު ކުރެވޭތޯއެވެ. ބައެއް ގޭގައި ހެދިކާ ހެދުމުގެ ބަދަލުގައި ރޮއްޓާއި ރިހަ ވެސް އާންމުކޮށް ތައްޔާރު ކުރެއެވެ.

މީގެ އިތުން ރޯދަމަހަށް ޚާއްސަ ބައެއް ތަކެތިވެސް ތައްޔާރުކުރުން ގޭގޭގައި އޮވެއެވެ. އާންމުކޮށް ތައްޔާރުކޮށް ނޫޅޭ އާރެސިޕީތައް ހޯދައި އެތަކެތި ތައްޔާރުކޮށް އަޖުމަ ބެލުމަކީވެސް ރޯދަމަހު ވަރަށް ގިނައިން ކޮށް އުޅޭކަމެކެވެ. ނަމަވެސް މިކަމުގައިވެސް ވިސްނާލަން ޖެހޭ ކަމަކީ ރޯދަމަހަކީ އަޅުމަކުގެ މައްސަރަށްވާއިރު، އިސްރާފު ކުރުމުން ދުރުހެލިވުމެވެ.

ކާރޫޫ ބާރުބޮޑު ބާޒާރު:

ރޯދަމަހަކީ އާދަޔާއި ޚިލާފަށް ބާޒާރަށްވެސް ބާރުބޮޑު ދުވަސްކޮޅެކެވެ. އަތޮޅުތެރޭގެ ރަށްތަކުން މާލޭގެ ލޯކަލް މާރުކޭޓަށް ގެންނަ ތަކެތި އޮންނަނީ ގިނަ ފަހަރަށް މަދުވެފައެވެ. މާލޭގައި ދިރުއުޅޭ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ލޯކަލް މާރުކޭޓަށް ނޫންނަމަ މާލޭގެ ބޮޑެތި ސުޕަރމާޓުތަކުން ވިޔަފާރިކޮށް ގެއަށް ބޭނުންވާ ތަކެތި ހަމަކުރުމަކީ ކޮންމެ ދުވަހަކުހެން ފެންނަ މަންޒަރެކެވެ.

ބާޒާރުގައި މިއަހަރު ތަކެތީގެ އަގު ކޮންމެވެސް ވަރަކަށް އުފުލިފައި ހުރިއިރު، ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސް.ޓީ.އޯއާއި، އެގްރޯނެޓުންވެސް ރޯދައަށް ބޭނުންވާ ކަރައާއި، ލުބޯ، މިރުން، އަދި މިނޫންވެސް ތަކެތި ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.