ކުޅިވަރު

އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


ޖަރުމަނުގެ ކުރީގެ ކުޅުންތެރިޔާ މެސުޓް އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ އޮޒިލް ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައެވެ.

އޮޒިލް ހާމަކުރިގޮތުގައި އޭނާގެ ފުޓްބޯޅައިގެ ދަތުރަކީ ހަނދާނުން ފޮހެލަން އުނދަގޫ ގިނަ ވަގުތު ތަކެއް ހިމެނިގެންދާ ފާހަގަ ކޮށްލެވޭ ދަތުރެއް ކަމަށެވެ. އަދި އޭނާއަށް އެންމެ މަތީ ފެންވަރުގައި ގާތްގަޑަކަށް 17 އަހަރު ކުޅުމުގެ ފުރުސަތު ލިބިގެންދިޔައިތީ އުފާ ކުރާ ކަމަށާއި އަދި މިފުރުސަތަށް އޭނާ ޝުކުރު ވެރިވާކަމަށްވެސް ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި އަނިޔާ އާއި އެހެނިހެން ސަބަބު ތަކާހުރެ ކުޅުމާއި ދުރައް ޖެހެންވީ ވަގުތު އައިސްފިކަން އިހްސާސް ކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮޒިލްވަނީ އޭނާގެ ކެރިއަރުގައި 9 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ތައްޓާއި ސްޕެނިޝް ލީގުގެ ތަށި ހިމެނެއެވެ. މީގެއިތުރުން އޮޒިލްވަނީ ޖަރުމަނު ޤައުމީ ޓީމަށް 92 މެޗް ކުޅެފައެވެ. އަދި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމްގައި އޮޒިލްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޮޒިލް އޭނާގެ ކެރިއަރު ފަށާފައިވަނީ ޝާލްކަރ އާއި ވަރޑަރ ބްރޭމަންއިންނެވެ. އަދި އެއަށްފަހު 2010 ވަނަ އަހަރު އޮޒިލްވަނީ ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ. އަދި ރެއާލް އާއެކު އޭނާ ވަނީ ލަލިގާ އާއި ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2013 ވަނަ އަހަރު އޮޒިލްވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލްއަށް އެކްލަބްގެ އޭރުގެ ރިކޯޑް އަގެއް ކަމުގައިވާ 42.4 މިލިއަން ޕައުންޑަށް ސޮއިކޮށްފައެވެ. އަދި 2018 ވަނަ އަހަރު އޭނާވަނީ އެކްލަބްގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. އާސެނަލްގައި ގިނަ އަހަރު ތަކެއް ހޭދަކުރުމަށްފަހު 2021 ވަނަ އަހަރުގެ ޖެނުއަރީގައި އޮޒިލްވަނީ ތުރުކީވިލާތުގެ ފެނަބާޗޭއަށް ސޮއިކޮށްފައެވެ. އަދި މީގެއިތުރުން އިސްތަންބޫލް ބަޝަކްޝެހީރަށްވެސް އޭނާވަނީ ކުޅެފައެވެ.

ޤައުމީ ޓީމަށް ބަލާލައިރު ޖަރުމަނުވިލާތާއި ތުރުކީވިލާތަށްވެސް ކުޅުމުގެ ފުރުސަތު އޮތް އޮޒިލް ނިންމީ އޭނާ އުފަން ޤައުމަށް ކުޅޭށެވެ. މިގޮތުން 2009 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޖަރުމަނު ޓީމްގައި އޭނާއަކީ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އަދި އޮޒިލް ވަނީ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައެވެ.