ޚަބަރު

ބަދަލުތަކާއެކު އިޙްޔާގެ ފުރަތަމަ ފޯރަމް މިރޭ


ރަމަޟާންމަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ގޮތުން 1980 ވަނަ އަހަރު ފެށި އިޙްޔާ ފޯރަމް ގެނެސްދެމުން އައީ ހަމައެކަނި ވެރިރަށް މާލޭގައެވެ. އަތޮޅުތެރޭގައި ތިބި މީހުން އިޙްޔާ ފޯރަމްގައި ދެމުން ދިޔަ ދީނީ މަޢުލޫމާތުތައް ބަލާ އަޑު އަހަން ޖެހުނީ ޓީވީއާއި ރެޑިއޯ މެދުވެރިކޮށެވެ. އެހެންނަމަވެސް ޒަމާންތަކެއް ވަންދެން މިހެން އޮތް އޮތުން މިހާރު މިވަނީ ބަދަލުކޮށްފައެވެ. މާލޭގައި އޮތް އިޙްޔާ ފޯރަމްތައް ފުޅާކޮށް މިހާރު މިވަނީ އަތޮޅުތެރޭގައިވެސް ބާއްވަން ފަށާފައެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމްތައް ބާއްވަން ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. އަދި މިއަހަރުވެސް އިޙްޔާ ފޯރަމްތައް އަތޮޅުތަކުގައި ކުރިއަށްދާނެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ ފަށާނެއެވެ. މިއަހަރު ޖުމްލަ 17 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. މާލޭގައި އިޙްޔާ ފޯރަމް އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހު ރޭ ރޭގަނޑު 21:30ގައެވެ.

މި ވޭތުވެދިޔަ އަހަރު އަތޮޅުތެރޭގެ ބޮޑު 3 ސިޓީގައި އިޙްޔާ ފޯރަމް ބޭއްވި ނަމަވެސް މިއަހަރު އިތުރު ރަށްތަކުގައި މިފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ތަޤްރީރުކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި އޮންނަ މި ޕްރޮގްރާމްގެ މައުޟޫޢަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” މިމައުޟޫޢެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލް ހޯލްގައެވެ. ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އާއި ޑރ. ޢަލީ ޒާހިރުއެވެ.

މި ވޭތުވެދިޔަ ތާރީޚަށް ބަލާއިރު އިޙްޔާ ފޯރަމްތަކުގައި ކޮންމެވެސް ދީނީ ޢިލްމުވެރިއަކު ދީނީ މަޢުލޫމާތުތައް ދިނުމުގެ އިތުރުން އާއްމުން ކުރާ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށްދެއެވެ. މިއަހަރުވެސް މިކަން ކުރިއަށްދާނެއެވެ. އަދި މިއަހަރު ސްކޫލް ކުދިން ދިނީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން މަތީ ޘާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން އިޙްޔާ ފޯރަމެއް ހުށައަޅާނެއެވެ.

ސްކޫލް ކުދިން ލައްވާ މިއިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މަޢުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މަޢުޟޫ ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އެގޮތުން ޢިލްމުވެރިން އެކުދިންނަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އެއަށްފަހު އެކުދިން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މަޢުލޫމާތެއް މަދުވާނަމަވެސް އެ މަޢުލޫމާތެއް ޢިލްމުވެރިން ފޯރުކޮށްދީ ހުށައަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވާނީ ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުންވެސް ޢިލްމުވެރިން ގެނައުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލް ކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ. ރަމަޟާންމަހުގެ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫތަކަކީ، ދިވެހި މުޖުތަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ ފޯރަމަށްދާ ފަރާތްތަކަށް އަގުބޮޑެތި ޢިނާމްތައް ވަނީ ކަނޑައަޅާފައެވެ.