ޚަބަރު

ޕޮޓަރީ އާއި ސެރަމިކް އާޓް ދަސްކޮށްދޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި

ޕޮޓަރީ އާއި ސެރަމިކް އާޓް ތައްޔާރުކޮށް، ދަސްކޮށްދޭ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި ސްޓޫޑިއޯ ހުޅުވީ ހުޅުމާލޭގެ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ކްލޭ ސްޓޫޑިއޯއިން ޕޮޓަރީ އާއި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި އެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުތައް ވެސް ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ ކްލޭ ސްޓޫޑިއޯގެ މަސައްކަތްތައް ތަޖުރިބާކޮށްލުމަށްޓަކައި އެކުވެރިންނާއެކުވެސް އަދި ވަކިވަކިންވެސް ގަޑިތައް ނެގޭނެކަމަށެވެ. އަދި މިތަނުގައި ކުޑަކުދިންނަށް އެ ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މީގެ އިތުރުން އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބޭއްވުމަށާއި ފްރީލާންސް އާޓިސްޓުންނަށް ވެސް ކްލޭ ސްޓޫޑިއޯ ބުކްކޮށްގެން ބޭނުންކުރެވޭނެއެވެ.

ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މިސްޓޫޑިއޯއަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.