ދުނިޔޭގެ ވިޔަފާރި

ހަރަދު ކުޑަކުރުމުގެ ގޮތުން އެމެޒޯންއިން އަނެއްކާވެސް މުވައްޒަފުން މަދުކުރަނީ


ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެމެރިކާގެ އީ-ކޮމާސް ކުންފުނި އެމެޒޯންއިން އަނެއްކާވެސް އިތުރު 9 ހާސް މުވައްޒަފުން މަދުކުރަން މަޝްވަރާކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މުޅި ދުނިޔޭގައި 1.5 މިލިއަން މުވައްޒަފުން ވަޒީފާ އަދާކުރާ އެމެޒޯން ކުންފުނިން ބުނިގޮތުގައި ވަޒީފާތައް މައިގަނޑު ގޮތެއްގައި މަދުކުރާނީ ކްލައުޑް ކޮމްޕިއުޓިންގ އާއި އިޝްތިހާރު ފަދަ ދާއިރާތަކުންނެވެ. އެކަމުގެ އަސަރު ކުރާނީ ކޮން ގައުމުތަކަކަށް ކަމެއް ކުންފުނިން އަދި ހާމަނުކުރި ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ވަޒީފާތައް މަދުކުރާނެކަމަށް އެމެޒޯންއިން ބުނެއެވެ.

އެމެޒޯންގެ ވެރިޔާ އެންޑީ ޖޭސީ ބުނި ގޮތުގައި މިއީ އުނދަގޫ ނިންމުމެއް ނަމަވެސް ދިގު މުއްދަތުގައި އެ ކުންފުންޏަށް އެންމެ ރަނގަޅު ނިންމުމަކީ މިއީއެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހުވެސް ވަނީ 18000 ވަޒީފާ މަދުކޮށްފައެވެ.

ޖޭސީ ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި އެމެޒޯންގެ ވިޔަފާރީގެ ގިނަ ދާއިރާތަކުން މަގާމުތައް އަންނަނީ އިތުރުކުރަމުންނެވެ. ނަމަވެސް މިހާރު މުޅި ދުނިޔޭގެ އިގްތިސާދުވެސް ހީނަރުވަމުން އަންނާތީ މިހާރު ވިސްނާފައި އޮތީ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑުގެ ދުވަސްވަރު ގިނަ ޓެކް ކުންފުނިތަކެކޭ އެއްފަދައިން އެމެޒޯންގެ ވިޔަފާރިވެސް ވަނީ ރަގަޅުވެފައެވެ. ނަމަވެސް ފަހަކަށް އައިސް ދިރިއުޅުމުގެ އަގުތައް އުފުލުމުގެ ސަބަބުން ކޮންސިއުމަރުން ހަރަދުކުރާ މިންވަރު މަދުވެ، އެ ކުންފުނީގެ ވިޔަފާރި ވަނީ ދަށްވެފައެވެ.

ގޫގުލް އާއި ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ ހިމެނޭ ގޮތަށް އިތުރު ކުންފުނިތަކުންވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ގޫގުލް އާއި ފޭސްބުކްގެ އިތުރުން އިންސްޓަގްރާމް އާއި ވަޓްސްއެޕް ވެސް ބެލެނިވެރި ކުންފުނި މެޓާ އިން މިދިޔަ ހަފްތާ ވަނީ 10،000 ވަޒީފާ މަދުކުރަން ރާވާފައިވާކަން އިއުލާންކޮށްފައެވެ.

ޖޭސީ ވިދާޅުވި ގޮތުގައި މުވައްޒަފުން މަދުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މި ކަމުގެ ސަބަބުން އަސަރުކޮށްފައިވާ މުވައްޒަފުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރާކަމަށެވެ