ކުޅިވަރު

ޝަމްހާގެ އަމާޒު ދެކުނު އޭޝިއާ ފެންވަރުގައި ވާދަކުރެވޭނެ ޓައިމިންއަކަށް


ހޮލެންޑުގައި މި މަހު 26 ވަނަ ދުވަހު ބާއްވާ ވެއާ ވެންލޫޕްގައި ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަޙްމަދު ބައިވެރިވާން ނިންމައިފިއެވެ.

މި ދުވުމުގެ 10 ކިލޯމީޓަރު ބައިގައި ޝަމްހާ ދުވަން ނިންމާފައިވާއިރު، އޭނާގެ މި ފަހަރުގެ އަމާޒަކީ ދެކުނު އޭޝިއާ ފެންވަރުގައި ވާދަކުރެވޭނެ ޓައިމިން އެއްގައި ދުވުން ނިންމުމެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ހާފް މެރަތަންގައި ދުވުން ޝަމްހާ ނިންމާފައިވާއިރު، އޭނާ ފަރިތަކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަޙްމަދާއެކުގައެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޯޗު ނަސްރުﷲ ބުނީ، ޝަމްހާއަކީ ފާހަގަކޮށްލެވޭ އެތުލީޓެއް ކަމަށާއި، އެގޮތުން މިހާރު ދިގު ދުވުން ދުވާ އަންހެން އެތުލީޓުންގެ ތެރެއިން ޝަމްހާއަކީ އެންމެ ގިނަ ރިކޯޑް ހޯލްޑް ކުރާ ދުވުންތެރިޔާ ކަމަށެވެ. އަދި އައިއޯއައިޖީއަށް ދާއިރު، މެޑަލް ހޯދުން އެއީ ޝަމްހާގެ އެންމެ ބޮޑު ޓާގެޓް ކަމަށް ނަސްރުﷲ ފާހަގަކުރިއެވެ.

ޝަމްހާ ވަނީ މި މަހު ކުރީކޮޅު ޖަރުމަނުގައި ބޭއްވި ރޯޑް ރަންގައި ވާދަކޮށް 5 ކިލޯމީޓަރު ދުވުން 20 މިނެޓަށްވުރެެ އަވަހަށް ނިންމި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފްވެސް ހޯދައިފައެވެ.

މީގެ އިތުރުން ހާފް މެރަތަންގެ ގައުމީ ރިކޯޑްވެސް އޮތީ ޝަމްހާ އަތުގައެވެ.

ކޯޗު ނަސްރުﷲ ބުނީ ރާއްޖޭގައި ހުނަރުވެރި ދިގު ދުވުންތެރިން އެބަތިބި ކަމަށެވެ. އެކަމަކު ގައުމުން ބޭރުގެ މުބާރާތްތަކަށް ދިޔުމަށާއި، މުބާރާތްތަކުގައި ހޯދާ ކާމިޔާބީ އަދިވެސް އެކަށޭނެ މިންވަރަށް ފާހަގަނުކުރާ ކަމަށް ނަސްރުﷲ ފާހަގަކުރިއެވެ.