ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މީހުންނަށް ބަންދު މުއްދަތު ޖަހައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 4 މީހުންގެ ތެރެއިން 2 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރެއިން 2 މީހެއްގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހާފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ. އަދި އިތުރު 2 ފިރިހެނުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން ވިދާޅުވީ ޕީޕީއެމްގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތު ކުރުމަށްފަހު އެމީހުން ދޫކޮށްލާފައިވާކަމަށެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އެސަރަހައްދުން މޮޓޯކޭޑަށް ދެވުނީ 10 ވަރަކަށް މިނިޓްފަހުންނެވެ. މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި އަމަލުތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ 241 ކޮމެޓީއަށް ހާޒިރުކުރަންވަނީ ނިންމާފައެވެ. އަދި ދިފާއީ ބާރުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.