ކުޅިވަރު

ގައުމީ ފުޓްސަލް ލީގު މި އަހަރުގެ މެދުތެރޭ ބާއްވަނީ


ގައުމީ ފެންވަރުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް މި އަހަރުގެ މެދުތެރޭގައި ބޭއްވުމަށް ނިންމާފައިވާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ކުޅިވަރު ވަޒީރު އަހުމަދު މަހްލޫފާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވެއެވެ. އަދި ޤައުމީ ފުޓްސަލް ލީގާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން ގެންގުޅޭ ޕްލޭނާ މެދު މިނިސްޓަރު ވެސް ހިތްހަމަޖެހޭ ކަމަށާއި މި ކަމަށް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމުން ބުނީ މި އަހަރު މެދުތެރޭގައި ފަށާ ގައުމީ ފުޓްސަލް ލީގަކީ ރޭންކިން މުބާރާތެއް ކަމަށާއި ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކޮންމެ ކްލަބަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ރާއްޖޭގައި ފުޓްސަލް އިންޑޯ އެއް ނެތުމުގެ ސަބަބުން މި މުބާރާތް މިހާރު އޮތްގޮތުން ފަށްޓަން ޖެހިފައިވަނީ އައުޓް ޑޯ ދަނޑެއްގައި ކަމަށް ވިޔަސް، މި ކަމުގައި އޭއެފްސީގެ ލަފާ ހޯދާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ގައުމީ ފުޓްސަލް ލީގާ ބެހޭ މައުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޤައުމީ ފެންވަރުގައި ފުޓްސަލް މުބާރާތެއް ބާއްވަން އެފްއޭއެމުން ނިންމާފައިވާއިރު، މިއީ މިހާތަނަށް ޤައުމީ ފެންވަރުގައި ފުޓްސަލްގައި ބާއްވާނެ އެންމެ ފުރަތަމަ މުބާރާތެވެ.