ވިޔަފާރި

ކޯޕަރޭޓް ގަވަނަންސްގެ އުސޫލަށް ކުންފުނިތަކުން އަމަލުކުރޭތޯ ދަނީ ބަލަމުން: އަމީރު


ކޯޕަރޭޓް ގަވަނަންސްގެ އުސޫލާއި އެއްގޮތަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރާ ގޮތް ބަލަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މިކަމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މެންބަރު އިބްރާހިމް ރަޝީދު ފިނޭންސް މިނިސްޓަރާއި ސުވާލު ކުރެއްވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް ކުންފުނިތަކުން ޢަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި ބަލާ މިންގަނޑާއި ޤަވައިދުގެ ތަފްޞީލާއި ގުޅޭގޮތުންނެވެ.

މެމްބަރު ރަޝީދުގެ ސުވާލަކަށް މިނިސްޓަރ އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ކޯޕަރޭޓް ގަވަނަންސް އުސޫލަށް ސަރުކާރު ކުންފުނިތަކުން އަމަލުކުރަމުންދާ އުސޫލަކީ މުޅި ކޯޑުގައި އަމަލުކުރާ ކަންތައްތަކަށް ބެލުންކަމަށެވެ. އަދި މި ކޯޑަކީ "ކޮންފްލަޔަރ އޯ އެކްސްޕްލެއިން" އުސޫލުން އަމަލުކުރުމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިނެއްކަމަށާއި ކުންފުނިތަކުން ގައިޑްލައިންނަށް އަމަލުކުރަމުންދާ ގޮތް މިނިސްޓްރީން ގަވާއިދުން ބަލަމުންދާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކަމާއި ގުޅޭ ތަފްސީލީ ރިޕޯޓްތައް ކޮންމެ އަހަރަކު އެއް ފަހަރު ފިނޭންސްއިން އާއްމުކުރަމުންދާކަމަށެވެ.

"މި ގައިޑްލައިންއަށް އަމަލުކުރަމުންދާ މިންވަރު ބަލާ ކޮންމެ އަހަރަކު 1 ފަހަރު ކޯޕަރޭޓް ގަވަނަންސް ރިވިއު އިޕޯޓެއް ތައްޔާރުކޮށް މި މިނިސްޓްރީގެ ވެބްސައިޓްގައި ޕަބްލިޝްކުރެވެއެވެ" އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި މިހާތަނަށް 32 ކުންފުނި އެބައޮތެވެ. އޭގެތެރޭގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކާއި ސަރުކާރާއި އާއްމުން އަދި ބޭރުގެ ބައެއް ކުންފުނިތަކުގެ ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނެއެވެ.