ޚަބަރު

ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން މާޓާގައި


މެލޭޝިއާގެ އެންމެ ބޮޑު ފަތުރުވެރިކަމާ ބެހޭ ޙަރަކާތް، މާޓާ 2023ގައި، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ބައިވެރިވެއްޖެއެވެ.

މި މަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ޙަރަކާތުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ މެލޭޝިއާއި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން މެދުގައި މަޤްބޫލުކަން އިތުރުކުރުންކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތުދެއެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ މަންޒިލުގެ ރީތިކަމާއި ރައްކާތެރިކަން ކިޔައިދީ ރާއްޖެއިން ލިބޭ ލަޤްޒަރީ ޙިދުމަތްތައް ޕްރޮމޯޓް ކޮށްފައެވެ.

ހަމަމިއާއެކު މި އިވެންޓްއަށް ޒިޔާރަތް ކުރި ފަރާތްތަކަށް އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓްތަކާއި އޮފަރތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ. މި ފެއަރގައި އެމްއެމްޕީއާރްސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުވެރިކަމުގެ އިންޑަސްޓްރީތަކުގެ 11 ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ.

އެމްއެމްޕީއާރްސީން ބުނީ މާޓާގައި ބައިވެރިވުން ވީ މެލޭޝިއާއި ދެކުނު އޭޝިއާގެ ސަރަހައްދުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށާއި ޕްރޮމޯޓްކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމުގައިއެވެ.

މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާއިން 3398 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. އެމްއެމްޕީއާރްސީން ވަނީ ރާއްޖެ މާކެޓް ޕްރޮމޯޓް ކުރުމަށް މާޓާގެ އިތުރުން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އޭގެތެރޭގައި މޯލްޑިވްސް ރޯޑްޝޯއިން ސައުތު އީސްޓް އޭޝިއާއި ޕްރިންޓް އެޑްވަޓައިޒިން ކޭމްޕް އަދި މީޑިއާ ފެމިލިއަރަޒޭޝަންގެ ދަތުރެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިއެވެ.