ވިޔަފާރި

މަސްވެރިކަން ރަނގަޅު، އިއްޔެވެސް 250 ޓަނުގެ މަސް ކިރުވި


ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މިދިޔަ 4 އަހަރަށް ބަލާއިރުވެސް މި ދުވަސްވަރަކީ އެންމެ މަސްވެރިކަން ރަނގަޅު ދުވަސްވަރުކަމަށެވެ.

ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު ރޯދަމަހަކީ ކަނޑުމަހަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށްވެސް އިތުރުވެގެންދާ މަހެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުކަމަށެވެ. އެގޮތުން އިއްޔެވެސް މިފްކޯއަށް 36 ދޯންޏަކުން 250 ޓަނުގެ މަސް ކިރާފައިވާކަމަށެވެ.

މިދިޔަ 4 އަހަރަށް ބަލާއިރުވެސް މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށް ފައުޒީ ވިދާޅުވިއެވެ. މަސްވެރިކަން ރަނގަޅު ނަމަވެސް މަހަށް ނިކުމެއުޅޭ ދޯނިތަކުގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ރޯދަ ފެށެން ގާތްވެފައިވުމެވެ. ނަމަވެސް ދެތިން ރޯދަ ހިފުމަށްފަހު އަލުން މަސްދޯނިތަކުން މަހަށް ނިކުންނާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މިދިޔަ ރޯދަމަހަކީވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެހެންކަމުން މިއަހަރުގެ ރޯދަމަހުވެސް މަސްވެރިން މަހަށް ނިކުންނަނަމަ އެއްވެސް ދަތިކަމެއްނެތި މަސް ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ.

މަސް ކިރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ފުރާފައެވެ.

މިފްކޯގެ ފްލީޓަށް އިތުރުކުރާ އާ މަސްކިރާ ބޯޓު "ޖަޒީރާ 103" ރާއްޖެ އައުމަށް ކޮރެއާއިން މިހާރު ފުރާފައިވާކަމަށެވެ. އަދި އެ ބޯޓު އަންނަމަހުގެ 7 ވަނަ ދުވަހު ރާއްޖެ އާދެވޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ. މި ބޯޓު އައުމުން ދެކުނުގައި މަސްކިރުމަށް ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.