ޚަބަރު

ޢަރަބި ދުނިޔެއިން ސޫރިޔާ ބާކީކުރުން ނިމުމަކަށް ގެންނަންޖެހޭ: ޔޫއޭއީ


ޢަރަބި ދުނިޔެއިން ސޫރިޔާ ބާކީކޮށްލާފައިވާ ކަމަށާއި، އެ ކަމަށް ނިމުމެއް ގެންނަންވީ ވަގުތު ޖެހިފައިވާ ކަމުގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވެއްޖެއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ، އެ ޤައުމަށް މިހާރު ވަޑައިގެން އުޅުއްވާ ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛުލް އަސަދާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަރަބި ލީގުގެ ޤައުމުތަކުން ސޫރިޔާ އެކަހެރިކޮށްފައި ވަނީ، 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. މީގެ 11 އަހަރު ކުރިން ފެށި އެ ހަނގުރާމައިގައި ސޫރިޔާގެ ޢާންމުންގެ އެތަކެއް ހާސް ބަޔަކު މަރުވިއެވެ. އަދި، އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ގެއްލި، އެ މީހުން ވަނީ ރެފިޔުޖީންނަށް ވެފައެވެ. މި ހަނގުރާމަ ފެށުނީ، އަސަދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެއް ހުއްޓުވަން އޭނާ ބާރުގެ ބޭނުންކުރަން ފެށި ހިސާބުންނެވެ.

އެ ހަނގުރާމައާ ގުޅިގެން ޢަރަބި ލީގުން ވަނީ ސޫރިޔާ ވަކިކޮށްފައެވެ. އަދި، އެ ގުޅުމުގެ ގިނަ މެންބަރު ޤައުމުތަކުން ވަނީ ސޫރިޔާއާ ގުޅުން ކަނޑައިލާފައެވެ. އަދި، އެއަށްފަހު އެ ޤައުމު ޢަރަބި ދުނިޔެއިން ބާކީކޮށްލެވުނެވެ. އަސަދު މިހާރު ޔޫ.އޭ.އީ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން އޭނާ އެ ޤައުމަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

"ޢަރަބި ދުނިޔޭގެ ޢާއިލާއާ ވަކިން ސޫރިޔާ އޮންނަތާ މިހާރު މާ ގިނަ ދުވަސް ފާއިތުވެއްޖެ. މިއީ، ސޫރިޔާއިން ޢަރަބި ދުނިޔެއާ އަލުން ގުޅި، ކެނޑިފައިވާ ގުޅުންތައް އަލުން އިޔާދަކުރަންވީ ވަގުތު،" އަސަދާ ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުންތައް ވެސް ކެނޑިފައިވާއިރު، ޔޫ.އޭ.އީ.އިން ދަނީ އެ ދެ ޤައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުވަން މަސައްކަތް ކުރަމުންނެވެ. އަދި، ތުރުކީވިލާތަކުގައި ދިރިއުޅެމުންދާ ސޫރިޔާގެ އެތަކެއް މިލިޔަން ރެފިޔުޖީންނެއް އެނބުރި ޤައުމަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. ކެނޑިފައިވާ ގުޅުންތައް އަލުން އިޔާދަކުރަން ދެ ޤައުމުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

2011 ވަނަ އަހަރަށް ފަހު ސޫރިޔާއާ އެކު އޮތް ގުޅުންތައް ކަނޑައިލުމަށްފަހު ޔޫ.އޭ.އީ.އިން ސޫރިޔާއާ އެކު އަލުން ގުޅުން ގާއިމުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އަދި، ފެބްރުވަރީ 6 ވަނަ ދުވަހު ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުމާ ގުޅިގެން، ޔޫ.އޭ.އީ.އިން ދަނީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. ބިންހެލުމަށް ފަހު، ސޫރިޔާއާ ގުޅުން ކަނޑައިލާފައިވާ ގިނަ ޤައުމުތަކަކުން، ގުޅުންތައް އަލުން އިޔާދަކުރަން ބޭނުންވެފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

"ޔޫ.އޭ.އީ.އާއި ސޫރިޔާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ވަރަށް މާތް މަޤުޞަދެއް އެބައޮތް. އެންމެ ބޮޑު ބޭނުމަކީ، ޢަރަބި ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ޢަރަބީން އެއްބައިވަންތަކުރުވުން،" ޔޫ.އޭ.އީ.ގެ ރައީސްގެ އިސް މުޝީރެއް ކަމުގައިވާ އަންވަރު ގަރްގަޝް ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ބިން ޒައިދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އަސަދު ވަނީ، ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމާ މެދު ޝައިޚް މުޙައްމަދު ބިން ޒައިދު ބަހައްޓަވަމުން ގެންދަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ޢަރަބި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ކުރިއަރުވަން އޭނާގެ އިސްނެންގެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަސަދު ތާރީފު ކުރެއްވިއެވެ.