ޚަބަރު

މާރާމާރީއަކާ ގުޅިގެން ހޯދާ މީހަކު ފޮރުވައިގެން އުޅޭތީ 4 މީހަކު ހައްޔަރުކޮށްފި


ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ. ފޔލުހުން ވިދާޅުވީ މި 4 މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުންދަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އުމުރުން 25 އަހަރުގެ އިބްރާހިމް ފައިހް ނިޒާމްއެވެ.

ފުލުހުން ވިދާޅުވީ ރޭ ހައްޔަރުކުރި މީހުން ހައްޔަރުކުރީ އިބްރާހިމް ފައިހް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅޭ ކަންކަން ބަލާ ތަހުގީގުކުރަމުންދާކަމަށެވެ.

މިފަހުން މާލޭގައި ގޭންގުތަކުގެ މާރާމާރީތައް އަންނަނީ އިތުރުވަމުންނެވެ. އަދި އެމާރާމާރީތަކުގައި މީހުން ޒަޚަމްކޮށްލުމުގެ އިތުރުން ތަންތަނާއި ތަކެއްޗަށްވެސްވަނީ ގެއްލުން ދީފައެވެ.