ރާއްޖޭގެ ފުރަތަމަ ދަނޑުވެރި އިންޝުއަރެންސް "ކްރޮޕް ތަކަފުލް" އެލައިޑް އިންޝުއަރެންސުން ތަޢާރަފްކޮށްފިއެވެ. މިއީ ދަނޑުތަކަށް ލިބޭ ގެއްލުންތަކުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް ތަޢާރަފްކުރި އިންޝުއަރެންސް ޕްލޭނެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މީހުން ދަނޑުވެރިކަން ކުރަމުން އަންނައިރު، ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިން ބޭނުންވާ ބައެއް ކަންކަން ރާއްޖޭގައި ފަހިވެފައިނެތުމެވެ. އެގޮތުން، ކުރިމަތިވާ ކާރިސާތަކާއެކު ދަނޑުތައް ހަލާކުވުމުން ދަނޑުވެރިންނަށް އެހީތެރިވާނެ ފަރާތެއް މީގެކުރިން ނެތެވެ. މިކަން ހައްލަކުރުމަށް އެލައިޑް އިންޝުއަރެންސުން "ކްރޮޕް ތަކަފުލް" ގެ ނަމުގައި އިންޝުއަރެންސް ޕްލޭނެއް ވަނީ ތައާރަފްކޮށްފައެވެ.
ކްރޮޕް ތަކަފުލް އަކީ ގުދުރަތީގޮތުން ދިމާވާ ހާދިސާތަކުގައި ދަނޑުތައް ހަލާކުވުމުން، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ އިންޝުއަރެންސް ޕްލޭނެކެވެ. މިއީ ރާއްޖޭގައި މިދާއިރާއިން ތައާރަފްކުރި ފުރަތަމަ އިންޝުއަރެންސް ޕްލޭނެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މޭނެޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ދަނޑުވެރިންނަށް ޚާއްސަކޮށްގެން އިންޝުއަރެންސް ޕްލޭނެއް ތަޢާރަފްކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމެއް ކަމަށެވެ.
" ވަރަށް މުހިންމު ފެށުމެއް. ވަރަށް ބޮޑަށް ލަސްވެސް ވެއްޖެ. އެހެން ވިޔަފާރިތަކާއި އެއްގޮތަށް ދަނޑުވެރިކަންވެސް ކުރަނީ ވިޔަފާރި އުސޫލުން. އެހެންވީމަ އެހެން ވިޔަފާރިތަކަށް އިންޝުއަރެންސް ޚިދުމަތް ލިބޭ ފަދައިން ދަނޑުވެރިންނަށް މިޚިދުމަތް ލިބުން މުހިންމު." ފިރުޝާން ވިދާޅުވިއެވެ.
މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަޔާދީ ތަކަފުލްގެ މެނޭޖަރ ފާތިމަތު ނިޒްމާ ވިދާޅުވީ މި އިންޝުއަރެންސް ޕްލޭން ތަޢާރަފްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުގެ ދަނޑުވެރިންނާއިއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Introducing Crop Takaful - a Shariah-compliant insurance solution for farmers that provides protection and sustainability to their livelihoods. ?? Read more on https://t.co/P4psHcOeEg! #CropTakaful #ShariahCompliant #SustainableFarming pic.twitter.com/TuQICmk2Nh
— Allied Insurance (@alliedmv) March 20, 2023
" އަޅުގަނޑުމެން މި ޕްރޮޑަކްޓް ހެދިއިރުވެސް ވަރަށް ގިނަ ދަނޑުވެރިންގެ ޚިޔާލު ހޯދިން. އެގޮތުން، ފެން ބޮޑުވެގެންނާއި މިފަދަ ގުދުރަތީ ކާރިސާތަކުން ދަނޑުތަކަށް ގެއްލުންވެފަ ހުރީ. އެހެންވީމަ ފުރަތަމަ މި ފަށަނީ އެދާއިރާތަކަށް ޚާއްސަކޮށް. އެހެންނަމަވެސް އިތުރު ދާއިރާތައް މިއިންޝުއަރެންސް ޕްލޭންގައި ހިމަނަން މަސައްކަތް ކުރަމުންދާނަން. " ފާތިމަތު ނިޒްމާ ވިދާޅުވިއެވެ.
ކްރޮޕް ތަކަފުލް އިންޝުއަރެންސް ޕްލޭންގެ ދަށުން ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުމާއި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކައިގެން ފައިދާ ނުލިބޭ ހާލަތްތަކުގައި އޭގެ ބަދަލުވެސް އެލައިޑު އިންޝުއަރެންސުން ފޯރުކޮށްދޭނެއެވެ.
ދަނޑުވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.