ޚަބަރު

ކުންފުނިތައް މެދުވެރިކޮށް ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓުވޭނެ: ޣަފޫރު


ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެއްވެސް ތަފާތުކުރުމެއްނެތި މުޅި ރާއްޖޭގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަސައްކަތްތައް ހުއްޓުވައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް އަދި މޮނިޓާ ކުރުމަށް ގާނޫނެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ޣަފޫރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކޮށްދޭ ގިނަ ކަންކަން ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ. ތަރައްޤީގެ ކަންކަން ފާއިތުވެދިޔަ 4 އަހަރު ކުންފުނިތައް މެދުވެރިކޮށް ކުރަމުންދިޔަ ގޮތާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި މިހާރު ކުއްލިއަކަށް ކުންފުނިތައް ގޯސްވެ ޤާނޫނުތަކެއް ހެދުމަށް ކުރަމުންދާ މަސައްކަތަކީ ކޮން މަޤުސަދެއްގައި ކުރާ ކަމެއްކަން ރައްޔިތުންނަށް ނޯޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އަގުހެޔޮ ހައިސްޕީޑު ފެރީގެ ނިޒާމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ހުއްޓުމެއްނެތި ދިނުމަށް ސަރުކާރުން ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނުވޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ރާއްޖެ ތެރޭގައި ޕްރޮޖެކްޓްތައް ހިންގާނެ. ހިންގުމުގައި ކުންފުނިތަކުގެ ބޭނުން ހިފާނެ އިއްޒަތްތެރި ރައީސް. އެއީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ފޯރުކޮށް ދިނުމަށްޓަކައި ދައުލަތަކުން ކުރަންޖެހޭ ކަންތައް ތަކަކަށްވާތީ އަޅުގަނޑުމެން އެކަން ކުރަމުން މިދަނީ." ޣަފޫރު ވިދާޅުވިއެވެ.

މިޤަރާރަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެއްކަމެއް ކުރުމަށް ގިނަ ކުންފުނިތަކެއް އުފައްދައި ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މެމްބަރު އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކުންފުނިތައް ހިންގުން ދޯދިޔާވުމުގެ ސަބަބުން ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދު ހާސިލުނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިގްތިސާދީ ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރުކުރުމާއި އަދި ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ގޮންޖެހުން ކުރިމަތިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ހުޅުވުމާއި ރެގިއުލޭޓް ކުުރުން މޮނިޓާ ކުރުން ހަރުދަނާ ކުރެވޭނެ ގާނޫނެއް އޮތުން މުހިންމު ކަމަށާއި އެކަމަށް ބޭނުންވާ ކަންކަން ތަރުތީބުކުރުމަށް އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވެއެވެ.