ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ޗައިނާއަށް ދަތުރުފުޅު ކުރައްވަނީ


އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ މި މަހުގެ 24 އިން 30 ގެ ނިޔަލަށް ޗައިނާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު ބެއިޖިންގައި ބާއްވާ ޗައިނާ ޑިވެލޮޕްމަންޓް ފޯރަމް، ސީޑީއެފް ގައި ބައިވެރިވެވަޑައިގަތުމަށް ޖޯޖީވާ ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި އެކަމަނާ ތަގުރީރެއް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާޗް 30 ގައި ހައިނާން ޕްރޮވިންސްގެ ކިއޮންހައި ސިޓީގެ ބޯއާއޯ ޓައުންގައި ބާއްވާ ބޯއާއޯ ފޯރަމް ފޯ އޭޝިއާ އެނުއަލް ކޮންފަރެންސްގައިވެސް ޖޯޖީވާ ވާހަކަފުޅު ދައްކަވާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ޗައިނާއަށް ކުރައްވަ މިދަތުރުފުޅުގެ ތެރޭގައި އެހެން އިވެންޓްތަކާއި ބައިލެޓަރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޖޯޖީވާ ޗައިނާ އަށް ދަތުރުފުޅު މިކުރައްވަނީ ޗައިނާގެ އާ ލީޑަޝިޕް ޓީމު ވެރިކަމާއި ހަވާލުވިތާ މާގިނަ ދުވަސް ނުވަނީހެވެ.

މިހާރު އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކުގެ ދަރަނި ލުއިކޮށްދިނުމުގައި ޗައިނާއިން ފުރިހަމައަށް ބައިވެރިވުން އެދި ޖޯޖީވާ އަންނަނީ ޗައިނާއަށް ޕްރެޝަރ ކުރަމުންނެވެ. އެގޮތުން ޗައިނާގެ އޮފިޝަލުން ހިމެނޭ ގޮތަށް މިކަމާއި ގުޅޭގޮތުން ބައްދަލުވުމެއް މިދިޔަ ފެބްރުއަރީ މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ޖީ20 ގައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ޖޯޖީވާ ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގެ ފަހުން ސްރީލަންކާއަށް ދަރަނި ލުއި ދިނުމަށް ޗައިނާއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޒެމްބިއާ ހިމެނޭ ގޮތަށް ދަރަނީގެ ދަތިކަމުގައި ތިބި އެހެން ގައުމުތަކަށް ވެސް ޗައިނާއިން މިފަދަ ޔަގީންކަމެއްދީ، ދަރަނީގެ ޕްރިންސިޕަލް ކުޑަކުރާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

މިކަމުގައި ޗައިނާއިން ބާރު އަޅަނީ ފަގީރު ގައުމުތަކުގެ ދަރަނި ލުއި ކުރުމުގައި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުން ހިއްސާވުމަށެވެ. ނަމަވެސް މިއީ ވޯލްޑް ބޭންކާއި އެމެރިކާ އަދި އެހެން މުއްސަނދި ގައުމުތަކުން މުޅި ދެކޮޅު ކަމެކެވެ.