ޚަބަރު

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ އެމަޤާމު ފުރުއްވަމުންދިޔަ އަލްއުސްތާޛު އަޙްމަދު ޝަކީލް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ކުރިމަތިލެވޭނީ އެކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރަކަށެވެ. އިސް ފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާ ބޭފުޅުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިމަޤާމަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ. ކްރިމިނަލް ކޯޓުގެ އިސް ޤާޟީއެއްގެ މުސާރައަކީ 49،300 ރުފިޔާއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ އިތުރުން އެކޯޓުގެ ޤާޒީގެ މަޤާމަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. މިމަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ. ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.