ޚަބަރު

ރޯދައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތުގެ ޖާގަ އިތުރުކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 2 ވަނަ ވަގުތީ މިސްކިތް "މަސްޖިދް އުޘްމާން ބިން ޢައްފާން"އަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ އިސްލާމިކް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެންނެވެ.

މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރު އަލީ ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޒިޔާރަތްކުރައްވާފައެވެ.

މިސްކިތުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަނީ، ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ އާބާދީ އިތުރުވުމާއި އަދި ރަމަޟާންމަހަކީ ގިނަ ބަޔަކު ނަމާދަށް މިސްކިތަށް ދާ މަހަކަށްވާތީ، ޖަމާއަތުގައި ފަސޭހަކަމާއެކު ތަރާވީޙް ނަމާދުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އަހަރު އޭޕްރީލްމަހު ހުޅުވި ވަގުތީ މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިހާރު މިސްކިތަށް ޖާގަ އިތުރުކުރުމަށް ކުރާ މަސައްކަތުގައި، އިތުރު 600 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ދަނީ ހަދަމުންނެވެ. އަލަށް ހަދާ ބަޔާއެކު، އެ މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭގޮތަށް ހަދާފައިވާ ބައިގެ ޖާގަވެސް އިތުރުވެގެންދާނެއެވެ. މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިގެއިތުރުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތްވެސް ވަނީ ފަށައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ.

2 އަހަރަށްފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.