ޚަބަރު

ބަޓެލްކޯގެ ޗެއަރމަން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި، ބަޓެލްކޯގެ ޗެއާމަން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ޙިއްޞާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިޔަށް އޮތްތަނުގައިވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.