ދުނިޔޭގެ ވިޔަފާރި

ލަންކާގެ މަރުކަޒީ ބޭންކުން އައު ޤާނޫނެއް ތަސްދީގު ކުރަނީ


މަރުކަޒީ ބޭންކުގެ މިނިވަންކަމާއި، ޒިންމާދާރުކަމުގެ އިތުރުން ތަކެތީގެ އަގުތައް ހަމަޔަކަށް އެޅުވުމަށް އަމާޒުކޮށްގެން މަރުކަޒީ ބޭންކުގެ އައު ޤާނޫނެއް ތަޢާރަފްކުރާނެ ކަމަށް ސްރީލަންކާގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ވިދާޅުވެއްޖެއެވެ.

އައު ޤާނޫނުގައި އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އިސްކަންދީ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ކަނޑައަޅާ ވަކި އަމާޒެއް ތަޢާރަފް ކުރާނެކަމަށް ވީރަސިންހަ ވިދާޅުވިއެވެ. އަދި އެ އަމާޒު ކަނޑައަޅާނީ ސަރުކާރާއި، މަރުކަޒީ ބޭންކު އެއްބަސްވެގެން ކަމަށާއި، އެކަމަށް 6 މެމްބަރުން އެކުލެވޭ ގަވާރނިންގް ބޯޑެއްވެސް އެކުލަވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުން ކޮންމެ 6 މަހަކުން އިންފްލޭޝަން ރިޕޯޓެއް ނެރެން ޖެހޭނެ ކަމަށާއި، އެ ބޭންކުގެ ޕާފޯމަންސްއާއި ބެހޭގޮތުން މަޖިލީހުގެ ކޮމިޓީއަކަށް ވިސްނައިދޭން ޖެހޭނެކަމަށް ވީރަސިންހަ ވިދާޅުވިއެވެ. އަދި ޕްރައިމަރީ ނީލަމުގައި ނުވިކި ހުންނަ ޓްރެޒަރީ ބިލްތައް ގަތުން މަރުކަޒީ ބޭންކުން ދޫކޮށްލާނެ ކަމަށާއި، އެކަމުގެ ސަބަބުން ޗާޕްކުރާ ފައިސާގެ ޢަދަދު މަދުވާނެ ކަމަށް މަރުކަޒީ ބޭންކުގެ ވެރިޔާ ފާހަގަކުރެއްވިއެވެ.

މި ޤާނޫނު ފާސްވުމާއިއެކު ލަންކާ އިން ސޮވަރިން ދަރަނި ދެއްކުމަށް ފައިސާ ހޯދުމަށް ވަކި މުއައްސަސާ އެއް އުފައްދާނެ ކަމަށާއި، އެކަން ކުރަން މަރުކަޒީ ބޭންކަށް އޭގެފަހުން ނުޖެހޭނެ ކަމަށް ވީރަސިންހަ އިތުރަށް ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން އެތައް ކަމެއް ގޯސްކޮށް ހިންގުމާއެކު ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ފެށުނުއިރު ލަންކާއަށް ވަނީ ކޮންމެހެން ބޭނުންވާ މުދާ އެތެރެކުރާނެ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، 1948 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ޤައުމު މިނިވަންވި ފަހުން ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަމުގެ ތެރެއަށް ވެއްޓިފައެވެ.

އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ލަންކާ އިން މިހާރު މަޑުކޮށްގެން އޮތީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް އިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް މާރިޗު 20 ގައި ފާސްކުރާނެ ކަމަށް އައި.އެމް.އެފް އިން ބުނެފައިވާތީ އެކަމަށެވެ.