ކުޅިވަރު

ކުއާޓާގައި ރެއާލާއި ޗެލްސީގެ ކުރިމަތިލުމެއް، ސިޓީ ކުޅެން ޖެހެނީ ބަޔާނާ ދެކޮޅަށް


ޔުއޭފާ ޗެމްޕިއަންސް ލިގުގެ ކްއާޓަރ ފައިނަލްގެ ގުރުއަތުލުން ބާއްވައިފިއެވެ.

ސްވިޓްޒަލަންޑްގައި އިއްޔެ ބޭއްވި ގުރުއަތުލުމުގައި މިހާރު މުބާރާތުގައި ބާކީ ތިބި އަށް ޓީމްގެ މެދުގައި ފާހަގަ ކޮށްލެވޭ ކުރިމަތިލުންތަކަކަށްވަނީ ބެހިގެން ގޮސްފައެވެ.
މިގުރުއަތުލުމުގައި އެންމެފަހުގެ ޗެމްޕިއަން އަދި މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް އާއި ގުރުއަތުން ދިމާވީ ޗެލްސީއެވެ. މިއީ މިދެޓީމް މިމުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ފަހަރެވެ. 2020-2021 ވަނަ އަހަރުގެ ސީޒަންގެ ސެމީފައިނަލްގައި ޗެލްސީއިން ރެއާލް ބަލިކުރިއިރު މިދިޔަ ސީޒަންގެ ކްއާޓަރ ފައިނަލްގައި ރެއާލް ވަނީ ޗެލްސީގެ މައްޗަށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދާފައެވެ.

ދެން އެންމެ ފާހަގަ ވެގެންދާ ކުރިމަތިލުމަކީ ހަ ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ ބަޔޭން މިޔުނިކާއި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުމެވެ. މިދެޓީމްގެ މެދުގައި 2014 ވަނަ އަހަރަށްފަހު ވާދަވެރި މެޗެއް މިހާތަނަށް ކުޅެފައެއް ނުވެއެވެ. 2014 ވަނަ އަހަރު މިދެޓީމް ކުރިމަތިލީއިރު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހުރީ ބަޔޭންގެ ކޯޗަށެވެ. މިދެޓީމުން މިހާރު ދައްކަމުންދާ ކުޅުމަށްބަލާއިރު މިއީވެސް ވަރަށް ވަރުގަދަ ކުރިމަތިލުމަކަށް ވެގެންދާނެކަމަށްބެލެވެއެވެ.

ކްއާޓަރ ފައިނަލްގައި ގުރުއަތުން ކުޅެން ދެން ދިމާވެފައިވަނީ އިޓާލިއަން ސެރިއާގެ ދެޓީމް ކަމަށްވާ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި މިވަގުތު ތާވަލްގެ އެއްވަނައިގާ ބޮޑު ތަފާތަކުން ކުރީގައި އޮތް ނަޕޯލީއެވެ. އަދި އިންޓަރ މިލާނާއި ބައްދަލުކުރަން ދިމާވީ ބެންފީކާއާއެވެ. ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގް ކުޅެވޭނީ 18 އަދި 19 ވަނަ ދުވަހުއެވެ.

މިފަހަރުގެ މިމުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ތުރުކީވިލާތުގެ އިންތަންބޫލްގެ އަޓަތަރކް އޮލިމްޕިކް ސްޓެޑިއަމްގައެވެ.