ކުޅިވަރު

ސައުދީގައި ކުޅުނަސް ރޮނާލްޑޯއަށް ޕޯޗުގަލް ސްކޮޑުން ފުރުސަތު ނުގެއްލޭ


ޔޫރޯ 2024 ގެ ކޮލިފައިންގ ގައި ޕޯޗުގަލް މިމަހު ކުޅުމަށް ހަމަޖެހިފައިވާ ދެމެޗަށް އެކުލަވާލި ސްކޮޑްގައި އެޓީމްގެ ތަޖްރިބާކާރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

ޔޫރޯ ކޮލިފައިންގގައި މިމަހު ޕޯޗުގަލް ކުޅުމަށް ހަމަޖެހިފައިވަނީ ލީޗްޓެންސްޓެއިން އާއި ލަގްޒެންބޯގް އާއެވެ.

މިދިޔަ އަހަރުގެ ފަހު ކޮލު ނިމުނު ފީފާ ވާރލްޑް ކަޕަށްފަހު އުމުރުން މިހާރު 38 އަހަރު ވެފައިވާ ރޮނާލްޑޯގެ ޤައުމީ ޓީމްގެ ކެރިއަރ ނިމުމަކަށް އައީކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ވާރލްޑް ކަޕްގެ ކްއާޓަރ ފައިނަލްގައި މޮރޮކޯ އަތުން ބަލިވުމާއެކު ރޮނާލްޑޯ ފައިބައިގެން ދިޔައި ފެންކަޅިވެފައިހުރެއެވެ. ވާރލްޑް ކަޕަށްފަހު މިހާރު ޕޯޗުގަލްގެ ކޯޗް ކަމާއި ވަނީ ބެލްޖިއަމް ޤައުމީ ޓީމްގެ ކުރީގެ ކޯޗް ރޮބަރޓޯ މާޓިނޭޒް ހަވާލުވެފައެވެ. މާޓިނޭޒް ހާމަކުރިގޮތުގައި ރޮނާލްޑޯއަކި އޭނާގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އުމުރަކީ އޭނާ ބަލާއެއްޗެެއް ނޫންކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ. ޕޯޗުގަލް ޔޫރޯ ކޮލިފައިންގ ގައި ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ 23 މަރޗްގައި ބައްދަލުކުރާނީ ލީޗްޓެންސްޓެއިން އާއެވެ. އަދި ދެވަނަ މެޗްގައި ތިން ދުވަސް ފަހުން ބައްދަލުކުރާނީ ލަގްޒެމްބޯގް އާއެވެ.

ރޮނާލްޑޯވަނީ 196 މެޗްގައި 118 ލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދީފައެވެ. އަދި އިތުރު ހަތަރު މެޗާއެކު އޭނާ ޕޯޗުގަލްއަށް ކުޅުނު މެޗްގެ އަދަދު 200 އަށް އަރާނެއެވެ. ރޮނާލްޑޯވަނީ މިޙާރު ކުޅެމުންދާ ސައުދީ އަރަބިއާގެ އަލް ނަސްރު ޓީމަށް މިހާތަނަށް ކުޅުނު ނުވަ މެޗްގައި އަށް ލަނޑު ޖަހާދީފައެވެ.