ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޢާއިލީ ހަވީރަށް ބޮޑު ތަރުޚީބެއް


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މިއަދު ހަވީރު ޢާއިލީ ހަވީރެއް ކުރިއަށްގެންގޮސްފިއެވެ.

އެޗް.ޑީ.ސީންއިން ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން ބޭއްވި މި ޢާއިލީ ހަވީރަކީ މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަވީރެއްކަމަށެވެ. މި މާހެފުމުގައި ކާބޯތަކެތި ތައްޔާރުކުރުމާއި، މުޅި މާހެފުން ރާވާ ހިންގުމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން އެކޯރޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެޗް.ޑީ.ސީން ވިދާޅުވީ އެ ކޯރޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަށެވެ.

މި މަޤްޞަދުގައި މިއަދު ހަވީރު 16:00ން 18:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުޚީބެއް ލިބިގެން ދިޔަ ޢާއިލީ ހަވީރެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ހަވީރުގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެފައިވެއެވެ.

އެޗް.ޑީ.ސީން ހިންގާ މިފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އެ ކޯރޕަރޭޝަނުން ފާހަގަކުރެއެވެ. އަދި މިފަދަ ހަރަކާތްތަކުގައި ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެ ކޯރޕަރޭޝަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.