ކުޅިވަރު

އިންގިލާބީ ބަދަލެއް، އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ޚިދުމަތްކޮށްދީފައިވާނެ: މަޚްލޫފް


އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރަކަށް އެއް ހަމައިން މަސައްކަތްކޮށްދީފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގެ ހަފުލާގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މިދައުރަކީ ކުޅިވަރަށް ގިނަކަންކަން ކޮށްދެވުނު ދައުރެއް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް ކުޅިވަރަށް ގިނަ ކަންކްނަ ކޮށްދެވިފައިވާ ކަމަށާއި، އެގޮތުން މިދިޔަ އަހަރު އެކަނިވެސް ބައިނަލްއަގްވާމީ ނުވަ މުބާރާތް ރާއްޖޭގައި ބޭއްވިފައިވާ ކަމަށް ވަަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުޅިވަރުގެ އިންފްރާސްޓަކްޗަރއަށް އެކަނި ބެލިކަމުގައިވިޔަސް މި ސަރުކާރުން ގިނަކަންކަން ކޮށްދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސްޕޯޓްސް އެވޯޑަށް ކުޅިވަރު ކުޅުންތެރިން ކުރާ އުންމީދު ބޮޑުވެފައިވާ ކަމަށެވެ. އަދި ބައެއް ކުޅިވަރުތައް މި އެވޯޑްސްގައި ނުހިމެނޭ ވާހަކަ ދަންނަވަމުން ވަޒީރު ވިދާޅުވީ، އެކުޅިވަރުތަކުގެ ގައުމީ ޓީމެއް އޮތްނަމަވެސް އެ ކުޅިވަރުތަކަށް އެވޯޑް ނުލިބެނީ އެ ކުޅިވަރުތަކުގެ ގައުމީ މުބާރާތެއް ނުބޭއްވޭތީ ކަމަށެވެ. އެހެންކަމުން އެ ކުޅިވަރުތަކުގެ ބެލެނިވެރިފަރާތްތަކުން އެ ކުޅިވަރުގެ ގައުމީ މުބާރާތްތައް ރޭވުމަށް މަޚްލޫފް ވަނީ ނަސޭހަތްތެރިވެފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އެހީތެރިކަމާއެކު މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށާއި، އެގޮތުން މިދިޔަ ހަތަރު އަހަރަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ހަމަހަމަކަމާއެކު ކުޅިވަރަށް ޚިދުމަތްކުރެވުނު ހަތަރު އަހަރު ކަމަށް މަޚްލޫފް ވިދާޅުވިއެވެ.