ޚަބަރު

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި


ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާންމުކޮށް ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. އަދި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި، އަދި އަންހެނެއްނަމަ5 ފޫޓް 3 އިންޗި ފުރިހަމަވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.