ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އެކްސްޕޯޓު ފެބްރުއަރީ މަހު އިތުރު

މިދިޔަ ފެބުރުއަރީމަހު ޖަޕާނުގެ އެކްސްޕޯޓު އިތުރުވެފައިވާ ކަމަށް އެ ގައުމުގެ މާލީ ވުޒާރާ، އެމްއޯއެފް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ. މިއީ ޖަޕާނުގެ އެކްސްޕޯޓު ވިދިވިގެން އިތުރުވި ދެވަނަ އަހަރެވެ.

ޖަޕާންގެ އެކްސްޕޯޓު އިތުރުވެފައި މިވަނީ ޖަޕާނުން އެމެރިކާއަށް އެކްސްޕޯޓުކުރި ކާރުގެ މިންވަރު އިތުރުވުމުންނެވެ. ނަމަވެސް ދުނިޔޭގެ ހަރުކަށި މާލީ އުސޫލުތަކާއި ބޭންކުތައް ބަގުރޫޓުވެދާނެ ކަމުގެ ބިރު ހީވެފައިވާތީ ތަކެއްޗަށް އޮތް ޑިމާންޑު އަންނަނީ ދަށްވަމުންނެވެ.

އެމްއޯއެފްގެ ވިޔަފާރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ޖަޕާނުން އެކްސްޕޯޓްކުރި މިންވަރު ވަނީ %6.5 އަށް އިތުރުވެފައެވެ. ނަމަވެސް މިއީ އިގްތިސާދީ މާހިރުން ލަފާކޮށްފައިވަ %7.1 އަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، %3.5 ގެ ކުރިއެރުމެކެވެ.

ޖަޕާނުން އިމްޕޯޓް ކުރި މިންވަރު %8.3 އަށް އިތުރުވެފައިވާއިރު، ޓްރޭޑް ޑެފިސިޓް ވަނީ 6.75 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ޑޮލަރާ އަޅާބަލާއިރު ޖަޕާނުގެ ފައިސާ، ޔެންގެ އަގު %13.5 ދަށްވުމުން ހަކަތަ އިމްޕޯޓް ކުރުމުގެ ޚަރަދުތައް ވަނީ އިތުރަށް ބޮޑުވެފައެވެ.

ޖަޕާނުން މިހާތަނަށް ވަނީ ވިދިވިދިގެން 19 މަސް ދުވަހުގެ ޓްރޭޑް ޑެފިސިޓް ރެކޯޑުކޮށްފައެވެ. މުޅި ދުނިޔޭގެ މާލީ ހާލަތު ގޯސްވެ، ސަޕްލައި ޗެއިނަށް ބުރޫއަރައި، ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޖަޕާނުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.

ދުނިޔޭގެ އިގްތިސާދު ހީނަރުވުމުން 2022 ވަނަ އަހަރުގެ ފަހު ކޮޅު ޖަޕާނުގެ އިގްތިސާދު ވަނީ ހަނި ގޮތަކަށް ރިސެޝަނުން ސަލާމަތްވެފައެވެ.

ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހު ކޯ މެޝިނަރީ އޯޑަރުތަކުގެ އަދަދު މީގެ މަހެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު %9.5 އަށް ވަނީ އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. މީގެއިތުރުން ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިދުމަތްދޭ ކުންފުނިތަކުން ކޮށްފައިވާ އޯޑަރުތައްވެސް އިތުރުވެ، އެ އޯޑަރުތައް ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ގާތްގަޑަކަށް އެއްވަރުވެފައެވެ.

ކޯވިޑުގެ ބަލިމަޑުކަމަށްފަހު އާންމުން ހަރަދުކުރާ މިންވަރު ދަށްވެ، މުޅި ދުނިޔޭގެ އިގްތިސާދުވެސް ހީނަރުވަމުން އައުމުގެ ސަބަބުން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަޕާނުގެ އިގްތިސާދަށްވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.