ޚަބަރު

ތުރުކީވިލާތާ ގުޅޭ މަޝްވަރާތަކަށް އަސަދު ޕުޓިންގެ އަރިހަށް


ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރައްވައިފިއެވެ. ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ނުތަނަވަސްވެފައިވާ ގުޅުންތައް އަލުން އިޔާދަކުރުވަން މަސައްކަތް ކުރަމުން ދަނީ ރަޝިޔާއިންނެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާނާއި އަސަދާ ދެމެދު އޮތް ގުޅުން ކެނޑުނީ، ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ހިސާބުން، އެ ޤައުމުގެ ޢާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށި ހިސާބުންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ 12 އަށްވުރެ ގިނަ އަހަރަށް ދެމިގެން ގޮސްފައިވާއިރު، މި ހަނގުރާމައިގައި އެތަކެއް ހާސް މީހުން ވަނީ މަރުވެފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ޕުޓިން ގެންދަވަނީ އަސަދުގެ ސަރުކާރަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަސަދާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ބަދަހިވަމުންދާ ކަމަށާއި، ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ.

ޔޫކްރެއިނަށް ރަޝިޔާ ސިފައިން ފޮނުވައިގެން ޕުޓިން ފައްޓަވާފައިވާ ހަނގުރާމައަށް ހުސްވި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު އެއް އަހަރު ފުރިފައިވާއިރު، އަސަދު ވަނީ މި ހަނގުރާމައަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އޭނާގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ 2011 ވަނަ އަހަރުއެވެ. އަދި، ހަނގުރާމަ ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުރުދުޣާން ވަނީ ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު އޮތް ގުޅުން ކަނޑައިލައްވާފައެވެ. މި ހަނގުރާމައިގައި ތުރުކީން ދަނީ، އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ތާޢީދާއި އެއްބާރުލުން ފޯރުކޮށްދީފައެވެ.

ނަމަވެސް، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަތިޔާރުއެޅި ޖަމާޢަތްތަކާ ތުރުކީވިލާތުން ދެކޮޅެވެ. އެއީ، ސޫރިޔާގެ ސަރުކާރާ ވެސް ދެކޮޅު ޖަމާޢަތްތަކެކެވެ. މިއީ، ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ގުޅުންތައް އަލުން ގާއިމުކުރަން ބޭނުންކުރެވޭނެ މުހިންމު އެއް ސަބަބު ކަމުގައި ޕުޓިން ދެކެވަޑައިގަންނަވައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން އެ ޤައުމާއި ތުރުކީވިލާތުގެ ދިފާޢީ ވުޒާރާގެ އޮފިޝަލުންނާ ދެމެދު ފުރަތަމަ ފަހަރަށް ބައްދަލުވުމެއް ބާއްވާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި، އަސަދާ ބައްދަލުކޮށް، ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމުގެ ފުރުޞަތު އޮތް ކަމުގައި އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް އޮތް ހަފުތާގައި ތުރުކީވިލާތާއި، ރަޝިޔާއާއި، ސޫރިޔާގެ އިތުރުން އީރާނުގެ އޮފިޝަލުން ބައްދަލުވުމަށް ތައްޔާރުވަމުންދާ ކަމުގައި ރަޝިޔާއިން ހާމަކުރެއެވެ.