ދުނިޔޭގެ ވިޔަފާރި

މެޓާއިން 10000 މުވައްޒަފުން މަދުކުރަނީ


ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާއިން ދިހަ ހާސް މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު 11000 މުވައްޒަފުން ވަޒީފާއިން ވަކިކުރި ޓެކް ކުންފުނި، މެޓާއިން މުވައްޒަފުން މަދުކުރާ ދެ ވަނަ ފަހަރެވެ.

މެޓާގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މިހާރު ތިބި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށެވެ. އަދި ވަޒީފާތައް މަދުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށްވެސް ޒަކަބާގް ވިދާޅުވިއެވެ.

10000 ވަޒީފާ މަދުކުރުމުގެ އިތުރުން މިހާރު ހުސްވެފައިވާ 5000 ވަޒީފާ އަށްވެސް މުވައްޒަފުން ނުނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ޒަކަބާގް ވިދާޅުވި ގޮތުގައި ހިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް މުވައްޒަފުން ގާބިލުކުރުމަށް ވިސްނުނީ މިދިޔަ އަހަރު ކުންފުންޏަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުންކަމަށެވެ.

ޒުކަބާގް ފާހަގަކުރެއްވި ގޮތުގައި އެމެރިކާގައި އިންޓަރެސްޓް ރޭޓް މަތިވުމާއި، ދުނިޔޭގެ ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކާއި، ގަވާއިދުތައް އިތުރުވުމަކީ މެޓާއަށް އަސަރުކުރާ ބައެއް ކަންތައްތަކެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި އާ އިޤްތިޞާދީ ހަޤީޤަތް އެތައް އަހަރެއް ވަންދެން ދެމިއޮތުމުގެ ފުރުސަތު އެބައޮތް. އެކަމަށް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ،" ޒުކަބާގް ވިދާޅުވިއެވެ.

ވަޒީފާތައް އެންމެ ފަހުން މަދުކޮށްފައިވާ، ގޫގުލް އާއި އެމެޒޯން ފަދަ ކުންފުނިތަކުން އަންނަނީ ވާދަވެރިކަމާއިއެކު ދެމިތިބުމުގެ ބޭނުމުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހަމަހަމަކުރާނެ ގޮތްތަކާއި މެދު ވިސްނަމުންނެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ގިނަ ބަޔަކު ވަޒީފާތަކަށް ނެގުމާއި މިހާރު އޮތް އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މިއަހަރު ފެށުނުއިރު އެމެޒޯނުން 18،000 އަށް ވުރެ ގިނަ ވަޒީފާ އުވާލަން ރާވާފައިވާކަން އިއުލާން ކޮށްފައެވެ. އަދި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުން ވަނީ 12000 މުވައްޒަފުން މަދުކުކޮށްފައެވެ.

ޓެކް ދާއިރާއިން ވަޒީފާ ގެއްލޭ މީހުންގެ މައުލޫމާތުތައް ބަލަހައްޓާ ފަރާތްތަކުން ބުނާގޮތުން އަހަރުގެ މިހާތަނަށް ޓެކް ދާއިރާއިން 128،000 އަށް ވުރެ ގިނަ ވަޒީފާ ވަނީ މަދުކޮށްފައެވެ.