150 އަށްވުރެ އެގްޒިބިޓަރުންނާއެކު މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފިއެވެ.
މިއީ މެރިން އެކްސްޕޯގެ 8 ވަނަ އެޑިޝަންއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢައިޝަތު ނަހުލާއެވެ. އަދި މިއެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވީރު 15:00 އިން ރޭގަނޑު 11:00 އަށެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާއި ތަފާތުކޮށެވެ. އެގޮތުން، މިފަހަރުގެ އެކްސްޕޯގައި ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީފައިވާކަމަށް މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުހައްމަދު ވިދާޅުވެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، މެރިން ސިނާޢަތުގެ އެކި ކަންކަމާއިގުޅޭ ސެމިނަރތައްވެސް ކުރިއަށްދާނެއެވެ.
މީގެއިތުރުން، އައު އުފެއްދުންތައް ލޯންޗްކުރުމާއި ބޯޓިން ސިނާޢަތާއިބެހޭ ޚާއްސަ ސެމިނާތައްވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯގައި 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށް ޝާމް ވިދާޅުވެއެވެ. އަދި 160 އަށްވުރެ ގިނަ ސްޓޯލްތައް ހުންނާނެކަމަށްވެސް ޝާމް ފާހަގަކުރެއްވިއެވެ.
މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.