މިފްކޯގެ މަސްކިރާ ބޯޓު ފްލީޓަށް އަލަށް އިތުރުކުރާ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަންނާނެކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ މަސްކިރުވާ ކެޕޭސިޓީ އިތުރުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ފްލީޓަށް އިތުރުކުރާ އާ މަސްކިރާ ބޯޓު "ޖަޒީރާ 103" ބޯޓު ކޮރެއާއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. މި ބޯޓު ރާއްޖެ އާދެވޭނެ ކަމަށް ލަފާކޮށްފައިވަނީ މި ފެށޭ އޭޕްރީލް މަހުގެ 6 ނުވަތަ 7 ވަނަ ދުވަހުއެވެ.
މިފްކޯއިން ބުނެފައިވަނީ "ޖަޒީރާ 103"އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެއްކަމަށެވެ. އަދި މި ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއްކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ. މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެއެވެ.
މަސް ކިރާ ކެޕޭސިޓީ އިތުރުކުރުމަށް 2021 ވަނަ އަހަރުވެސް މިފްކޯއިން ވަނީ 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަނުގެ މަސްް ގަނޑުކުރެވޭ އުޅަނދަކާ، މަސް އެކްސްޕޯޓުކުރުމަށްޓަކައި 2400 ޓަނުގެ ކެރިއަރ ވެސެލްއެއް ހޯދާފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް މިފްކޯ އިން އަލަށް ގަނެފައިވާ ޖަޒީރާ 103 އިން ގެނެސްދޭނެ! ޖަޒީރާ 103 ގައި 120 މެޓްރިކް ޓަނުގެ ފިނި ކުރުމުގެ ނިޒާމާއި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރުމުގެ ނިޒާމް އެކުލެވިގެންވޭ pic.twitter.com/6EHievBE1g
— MIFCO (@mifcomv) March 14, 2023
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސް ގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.