ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުމާލޭގައި ޑޭޓަރ ރައްކާކުރެވޭނެ ކޮންޓެއިނަރ ސެންޓަރެއް ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި ޑޭޓަރ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ މިއީ އެ ކުންފުނީގެ "ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވި ކޮންޓެއިނަރ ސެންޓަރެއް ކަމަށެވެ.
މި ޑޭޓަރ ކޮންޓެއިނަރ ސެންޓަރު ހުޅުވާފައިވަނީ ހުޅުމާލޭ ދެވެނަ ފިޔަވަހީގައެވެ. އަދި މިސެންޓަރުން އަހަރެއްގެ މައްޗަށް 99.9 ޕަސެންޓް އަޕް ޓައިމް ނުވަތަ ހިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ގެރެންޓީ ދޭ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ޑޭޓަރ ސެންޓަރުގެ ސަބަބުން މީގެކުރިން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޖީކޮމް ޖީޕޮން އެކްސެސް ނެޓްވޯކްގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
"ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މިސަރވިސް ސްކޭލް އަޕް ކުރަމުން ގެންދާނަން." އާތިފް ވިދާޅުވިއެވެ.
މިޑޭޓަރ ސެންޓަރުގެ ސަބަބުން އަހަރެއްގެ މައްޗަށް ޚިދުމަތް މެދުކެނޑޭ ވަގުތު 1.6 ގަޑިއިރަށް ވުރެ ކުޑަވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ކަރަންޓް ކެނޑޭ ވަގުތަށް ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ހުންނާނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.
މީގެއިތުރުން، މިޑޭޓަރ ސެންޓަރުގައި ރިޑަންޑަންޓް ކޫލިން ސިސްޓަމަކާއި މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއްގެ އިތުރުން، އަމިއްލައަށް މަަސައްކަތްކުރާ މޮނީޓަރިން ސިސްޓަމެއް އެލަރޓް މެކޭނިޒަމްއާއެކު ހުންނާނެކަމަށްވެސް އެޗްޑީސީން ވިޑާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ މި ސެންޓަރަކީ ތިމާވެއްޓާއި ރައްޓެހި އަދި އަލިފާން ނިޒާމެއްވެސް ޤާއިމްކޮށްފައި ހުރި ޑޭޓަރ ސިސްޓަމެއްކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ބިންގާވަނީ ހުޅުމާލޭގައި އަޅާފައެވެ. އަދި މި މަސައްކަތަށް ޚާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް ، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް އަންނަނީ ތައާރަފު ކުރަމުންނެވެ.