ޚަބަރު

ސިއްހީ ދުޅަހެޔޮކަމާއި ނުލައި ތަރައްޤީ ޙާސިލްނުވާނެ: ރައީސް


އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި މިދިޔަ 75 އަހަރުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރެއްވުމަށް، މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން، 1948ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއްކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ޞިއްޙީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ..

ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް މި ސަރުކާރުން ޤާއިމުކުރެއްވިކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ފެށުމާއި މި ނޫންވެސް ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުން. އަދި ޞިއްޙީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށެވެ. އެގޮތުން އަންނަ މެއި މަހުން ފެށިގެން ޞިއްޙީދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ރައިސް ފާހަގަކުރެއްވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ޞިއްޙީ ޚިދުމަތުގެ ތަފާތު ދާއިރާތަކުން ކިޔެވުމަށް ރަޖިސްޓްރީވެފައިވާ 2082 ދަރިވަރުން ހިމެނޭކަމަށެވެ. އަދި ސްޓޫޑެންޓް ލޯނު ސްކީމާއި، ސަރުކާރުގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުގައިވެސް 300 ދިވެހި ދަރިވަރުން ޞިއްޙީ ދާއިރާގެ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމް ޙާޞިލުކުރަމުން އަންނަކަމަށެވެ.

"ސިއްޙި ދާއިރާއަށް އެންމެ ބޮޑީ، ތަފާތު ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުން. މިއީ މުޅި ދުނިޔޭގައިވެސް އެންމެ ޑިމާންޑް ބޮޑު އަދި ޕްރޮފެޝަނަލް މީހުން ލިބުމުގެ ދަތިކަން އެންމެ ބޮޑު އެއް ދާއިރާ. ޞިއްޙީ ދާއިރާގެ މި ދެންނެވި ތަރައްޤީގެ މަޝްރޫޢުތަކާ އެކު، އެ ދާއިރާއިން މީހުން ބިނާކުރުމަށް ވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް އެބަދެން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރާޢްޖޭގެ ޞިއްޙީ ޚިދުމަތް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތެއްގެ ގޮތުގައި ދެމިއޮންނަނީ، ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަބައެއްގެ މަސައްކަތުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމިއްލަ ކްލިނިކްތަކާއި ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓެރީ ޓެކްނީޝަނުންނާއި، އެނޫންވެސް ފަންނީ ބޭފުޅުން، އެ ބޭފުޅުންގެ ދާއިރާއިން ކޮށްދެއްވަނީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަން ރައީސް ފާހަގަކުރެއްވުއެވެ.

މި ރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.