ޚަބަރު

އެތައް އަހަރެއްގެ ޝަކުވާތަކަށް ފަހު ފަރެސްމާތޮޑާއަށް ޒަމާނީ އައު އިންޖީނުގެއެއް


ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ފަރެސްމާތޮޑާގައިވެސް ކަރަންޓުގެ ޚިދުމަތް ދެމުން އައިސްފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދު، ރަށު ތެރޭގައި ހުރި އިންޖީނުގެއިންނެވެ. އިންޖީނުގޭގެ ބާރު އަޑުފައްގަނޑާއި، އިންޖީނުގެއިން ބޭރުވާ ކަޅު ދުމުގެ ސަބަބުން އެތައް ތަކުލީފެއް ރަށުގެ ރައްޔިތުން އުފުލަންޖެހެއެވެ.

ފަރެސްމާތޮޑާގެ 22 އަހަރުވެފައިވާ އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން ރަށުގެ ސްކޫލާވެސް ކައިރީގައި ހުރި އިމާރާތެއްގައި ހިންގަމުން އައި އިންޖީނުގެއެވެ. ދުމުގެ ވަހާއި ކަޅުދުމުގެ އުނދަގުލުގެ ޝަކުވާއާއި ނުރުހުން ސްކޫލް ދަރިވަރުންގެ ބެލެނިވެރިންވެސް ފާޅުކުރަމުންދިޔައެވެ. އަަދި އެ މައްސަލައިގައި ބެލެނިވެރިން އިހުތިޖާޖުވެސްކޮށްފައިވެއެވެ.

މިކަން ޙައްލުކޮށްދިނުމަށް އެކި ސަރުކާރުތަކުގައި ރަށު ކައުންސިލުން އެދެމުންދާތާ ދިހަވަރަކަށް އަހަރު ވަނީ ވެފައެވެ.

މިއީ ފަރެސްމާތޮޑާގެ އިތުރުން އެތައް ރަށެއްގެ ރައްޔިތުންގެވެސް ބޮޑު ޝަކުވާއެކެވެ. މިއާއެކު ހަކަތައިގެ ދާއިރާއިން އަތޮޅުތަކުގައި ފެށި އެންމެ މުހިންމު މަސައްކަތަކީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް ދުރު ހިސާބުތައް ބަދަލުކޮށް، ކެޕޭސިޓީ އިތުރުކޮށް ޒަމާނީ އިންޖީނުގެއެއްގެ ގޮތުގައި އިންޖީނުގެތައް ތަރައްޤީކުރުމުގެ މަސައްކަތެވެ.

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ރަށުގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދަށްވަނީ ބަދަލުކޮށްފައެވެ. މިމަޝްރޫޢުގައި ހިމެނިގެން ދިޔަ އެއް ރަށަކީ ގދ.ފަރެސްމާތޮޑާއެވެ.

މިމަޝްރޫޢު ވެގެންދިޔައީ ފަރެސްމާތޮޑާގެ ރައްޔިތުންގެ އެތައް ޝަކުވާއަކަށް ނިމުން ގެނައި މަޝްރޫޢަކަށެވެ. ފަރެސްމާތޮޑާ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އަދި މިއަދު، ކުރީގެ ބައު އިންޖީނުގެ މުޅިން ނިވާލާ، ޒަމާނީ އައު އިންޖީނުގެއިން ޚިދުމަތް ދޭން މިވަނީ ފަށާފައެވެ.

ފަރެސްމާތޮޑާ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވާދެއްވީ އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

މުޅިން އަލަށް ޚިދުމަތް ފެށި ފަރެސްމާތޮޑާ އެއަރޕޯޓަށްވެސް ޚިދުމަތްދެނީ ފަރެސްމާތޮޑާ އައު އިންޖީނުގެއިންނެވެ.

އިންޖީނުގެ ހުޅުވާފައިވަނީ، ކަރަންޓު ކެޕޭސިޓީވެސް ބޮޑުތަނުން އިތުރުކުރުމަށްފަހުއެވެ. ކުރިން އެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 3 ޖަނެރޭޓަރު ސެޓާއެކު 1250 ކިލޯވޮޓްއެވެ. ނަމަވެސް އައު އިންޖީނު ބަހައްޓާ ކެޕޭސިޓީ މިހާރު ވަނީ 1800އަށް އިތުރުކޮށްފައެވެ.

އައު އިންޖީނުގޭގައި، އިންޖީނު ބެހެއްޓުމަށް ޚާއްސަ އިމާރާތާއި، ކޮންޓްރޯލް ރޫމާއި އަދި އޮފީސް އިމާރާތްވެސް ހިމެނެއެވެ.

މިގޮތަށް ރަށްރަށުގައި ހުރި ގިނަ އިންޖީނުގެތަކެއް ބަދަލުކުރުމުގެ ޢަމަކީ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ. ސަރުކާރުން މަސައްކަތް ފަށާފައިވަނީ މިގޮތަށް ހުރި ހުރިހާ އިންޖީނުގެތައް، މީހުން ދިރި ނޫޅޭ ސަރަޙައްދަށް ބަދަލުކުރުމަށެވެ.