ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ


މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ.

ޤައުމީ އިނާމަށް އެދި ފޯމު ފޮނުއްވަންޖެހޭނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

ޤައުމީ އިނާމަށް މިއަހަރު މައިގަނޑު 36 ދާއިރާއަކުންވަނީ ހުޅުވާލައްވާފައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރު ވަނީ ގެންނަވާފައެވެ. ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނެވި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވައި، 60 އަހަރުވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރެއްވުމެވެ.

އަނެއް ބަދަލަކީ، ކުރިން އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނެވި ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކުގެ ތެރެއަށް އިތުރު 2 ދާއިރާއެއްވެސް ވަނީ އިތުރު ކުރައްވައިފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.