ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓްގެ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލައިފި


ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލައިފިއެވެ. މޯލްޑިވިއަން އިންވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ފަރެސްމާތޮޑާގެ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން، ހާމަކުރި ގޮތުގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފަރެސްމާތޮޑާ އެއަރޕޯޓަށް މޯލްޑިވިއަންއިން ދަތުރުކުރެވޭނީ 1574 ރުފިޔާއަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ހޯމަ ދުވަހު ޖައްސާފައިވާއިރު މިއެއަރޕޯޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. މިއެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ. އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަށްޓަކައި އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، އަދި ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލެވެ. ޓަމިނަލްގެ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ މިސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މިއެރއަޕޯޓަކީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ. އެއަރޕޯޓް ފަރެސްމާތޮޑާއާއި ގުޅުވާލާނީ ކޯސްވޭއަކުންނެވެ. އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.

އެއަރޕޯޓް ހުޅުވާއިރު ކޯޒްވޭގެ މަސައްކަތް ނުނިމުނު ނަމަވެސް، ވަގުތީގޮތުން ރަށުން އެއަރޕޯޓަށް ދަތުރުކުރެވޭނެ މަގެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.