ޚަބަރު

ބީސީސީން ތޮއްޑޫގައި ފާމަރސް މާކެޓަކާއި ޕްރޮސެސިންގ ފެސިލިޓީއެއް ތަރައްޤީކުރަނީ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އއ. ތޮއްޑޫގައި ފާމަރސް މާކެޓަކާއި ޕްރޮސެސިންގ ފެސިލިޓީއެއް ތަރައްޤީކުރަން ނިންމައިފިއެވެ.

މިއީ "ޕްރޮޖެކްޓް ފޯ ސަސްޓައިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ" ގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެންމެބޮޑު ހުރަހަކީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިކުމުގެ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަން ރާވައިފައިވާ އެއް މަސައްކަތަކީ އއ.ތޮއްޑޫގައި ފާމަރސް މާކެޓަކާއި ޕްރޮސެސިންގ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތެކެވެ.

މިކަމާއިބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ ތޮއްޑޫގައި ފާމަރސް މާކެޓަކާއި ޕްރޮސެސިންގ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިންގެ އުފެއްދުންތައް ހެޔޮ އަގުގައި ވިއްކޭނެ އިތުރުގޮތްތައް ފަހިކޮށްދީ، ދަނޑުވެރިންނާއި ގާތުން މަސައްކަތްކުރުން ކަމަށެވެ.

ބީސީސީން ތޮއްޑޫގައި ތަރައްޤީކުރާ ފާމަރސް މާކެޓް އަދި ޕްރޮސިން ފެސިލިޓީއަކީ 5000 ފޫޓުގެ ޖާގަ ތަނަވަސް ތަނެއްކަމަށް ސާމިހް ވިދާޅުވިއެވެ. އަދި މިފާމަރސް މާކެޓްގައި 11 ކިއޮސްކް ހުންނާނެއެވެ.

ސާމިހް ވިދާޅުވީ މިފާމަރސް މާކެޓްގައި ތޮއްޑޫގެ ދަނޑުވެރިންގެ އުފެއްދުންތަކުގެ އިތުރުން އެހެން ރަށްތަކުގެ ދަނޑުވެރިންގެ އުފެއްދުންތައްވެސް ވިއްކޭނެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި މި މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޖަޕާން ސަރުކާރުގެ އެހީތެރިކަމާއިއެކު ހިންގާ މަޝްރޫއެކެވެ.

ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދަނޑުވެރިންގެ އުފެއްދުންތައް ހެޔޮ އަގުގައި ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތް އެގްރިކަލްޗަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށަކަށެވެ.