ޚަބަރު

ގުރައިދޫ ދާއިރާއަށް ވާދަކުރަނީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން


ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ ތިން ކެނޑިޑޭޓަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިއްޔެއަށް ހަމަވެފައިވާއިރު، ކުރިމަތިލާފައިވަނީ ތިން ކެނޑިޑޭޓެކެވެ. ގުރައިދޫ ދާއިރާއަށް ކުރިމަތިލާފައިވަނީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. މިއިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ އެޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހީމް ޝާޒްއެވެ. އެމްއެންޕީން ވާދަކުރަނީ އަލީ އާރިފްއެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.