ޚަބަރު

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި


މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ބޭއްވި ޙަރަކާތްތަކުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ކޮމަންވެލްތު ދުވަހަކީ ކޮމަންވެލްތުގެ އަސާސްތަކާއި ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ފާހަގަކޮށް، ކުރިއަށް އޮތް އަހަރުގައި އެ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް އައު ހިތްވަރަކާއެކު ކުރިއަށް ދިއުމަށްޓަކައި ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ ދެވަނަ ހޯމައިގައި ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރަކީ، "ފޯޖިންގ އަ ސަސްޓެއިނަބަލް އެންޑް ޕީސްފުލް ފިއުޗަރ" (ދެމެހެއްޓެނިވި އަދި އަމާން މުސްތަޤުބަލެއް ޤާއިމުކުރުމަށް) މިއެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ވަނީ ގިނަ ޙަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން، އެކި ހަނގުރާމަތަކުގައި މަރުވެފައިވާ ކޮމަންވެލްތު ޤައުމުތަކުގެ ސިފައިންގެ ހަނދާނީ މަޤުބަރާގައި މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. ކޮމަންވެލްތު މެމޯރިއަލް ގޭޓްސްގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވައި އެމަނިކުފާނު ވަނީ އެމަޤުބަރާގައި މާބޮނޑިއެއް ބާއްވަވާފައެވެ. މިރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެހެނިހެން މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، މިނިސްޓަރ ޝާހިދު ވަނީ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރޯ ހައުސްގައި އޮތް ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިހިނގާ މާރޗް މަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައިވާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނަ އާއި ރަސްގެފާނުގެ އަނބިކަނބަލުން ބޭއްވެވި ރަސްމިއްޔާތުގައި ވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރުމަށްޓަކައި އިނގިރޭސިވިލާތުގައި ބޭއްވި މިޙަރަކާތްތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިޒަލް އެވެ.

މިއަހަރުގެ ކޮމަންވެލްތު ދުވަހަކީ ކޮމަންވެލްތު ޗާޓަރު ތަންފީޒުކުރެވުނުތާ 10 އަހަރު ފުރޭ ދުވަސް ވެސް މެއެވެ. އަދި މިއަހަރަކީ ކޮމަންވެލްތުގެ "އިޔަރ އޮފް ދަ ޔޫތު" ކަމުން، ކުލަގަދަ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ހިމެނޭހެން ކޮމަންވެލްތު ދުވަސް އެޖަމިއްޔާގެ މެމްބަރު ޤައުމުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ވެސް ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ލ.ގަން ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގައި ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތަކާއި ހިނގާލުމެއް ބާއްވާފައެވެ. ލ.ގަމުގައި ކުރިއަށް ގެންދިޔަ މިޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓެރަލް، ޑރ. ޙާލާ ޙަމީދެވެ.

މާރޗް މަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރސް މީޓީން"ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ގެންދަވަނީ އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.