ޚަބަރު

ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުންތައް ރައީސްގެ ފަރާތުން ކިންގް ޗާރލްސްއަށް


ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، އިނގިރޭސިވިލަތާއި ކޮމަންވެލްތްގެ ރަސްގެފާނު ޗާރލްސްއަށް ފޮނުއްވައިފިއެވެ. އަދި މި ދުވަހުގެ ތަހުނިޔާ، ކޮމަންވެލްތްގައި ހިމެނޭ ޤައުމުތަކާއި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.

ތަޙުނިޔާ ފޮނުއްވާ ކުރެއްވި ޓުވީޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި ކޮމަންވެލްތު ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއިން އަބަދުވެސް ގުޅުން ދަަހައްޓާނެކަމަށެވެ. އަދި ދެމެހެއްޓެނިވި އަމާން މުޖުތަމަޢުއެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ޢަމާޒަށް ރާއްޖެއިންވެސް އެކުއެކީގައި މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ.


ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ދެވަނަ ހޯމަ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮމަންވެލްތު ދުވަހުގެގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ދެމެހެއްޓެނިވި އަދި ސުލްހަވެރި އެއް މުސްތަޤުބަލެއް ބިނާކުރުން" މި ޝިއާރެވެ. ކޮމަންވެލްތުގެ ޤައުމުތަކުގެ ގޮތުގައި މިވަގުތު 56 ޤައުމެއް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މެދުކެނޑުމަކަށްފަހު ކޮމަންވެލްތްގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވައެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.