ޚަބަރު

ދަރުމަވަންތަ ސްކޫލު މިހާރު ހުރި ޢިމާރާތައް ޢަރަބިއްޔާ ސްކޫލު ބަދަލުކުރުމާމެދު މަޝްވަރާކުރަނީ


ދަރުމަވަންތަ ސްކޫލު މިހާރު ހުރި އިމާރާތައް ޢަރަބިއްޔާ ސްކޫލު ބަދަލުކުރުމާމެދު މަޝްވަރާކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ކުރިން ހިންގި ޢިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން، އެ ސްކޫލުގެ ކިޔެވުން މިވަގުތު ކުރިއަށްދަނީ ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި ޢިމާރާތުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދަރުމަވަންތަ ސްކޫލް އައު ޢިމާރާތައް ބަދަލުކުރުމާއި، ޢަރަބިއްޔާ ސްކޫލް, މިހާރު ދަރުމަވަންތަ ހުރި ތަނަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި މަޝްވަރާތައް ނިމުމުން މިކަމާގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އައު ދަރުމަވަންތަ ސްކޫލަށް ދަރިވަރުން ބަދަލު ކުރާނީ ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކުރުމަށްފަހުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އައު ޢިމާރާތުގެ މަސައްކަތަކީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުންދަނީ މިއަހަރުގެ ތެރޭގައި ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތް ބޭނުންކުރަން ފެށުމަށެވެ. 41 ކްލާސްރޫމް ހިމެނޭހެން ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ މި ސްކޫލަކީ ގާތްގަނޑަކަށް 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ. އެތަން ބާވެ ބޭނުންނުކުރެވޭ ވަރުވުމުގެ ސަބަބުން 2016 ވަނަ އަހަރު ވަނީ އެ ސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭން ފަށާފައެވެ.

ދަރުމަވަންތަ ސްކޫލުގެ އިތުރުން، ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދިނުމުގެގޮތުން ބައު ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ސަރުކާރުން ނިންމަވާ، އެ މަސައްކަތް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ޢައު އިމާރާތާއި، ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޓް އުޞޫލުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 440 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ އައު ޢިމާރުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު ޢިމާރާތް ބޭނުންކުރަން ފެށުމެވެ.