ޚަބަރު

އެއްގަމު އުޅަނދުގެ ރަޖިސްޓްރީތަކެއް ނަކަލުކުރި މައްސަަލަ ބަލަނީ


ސައްޙަނޫން ލިޔެކިޔުން ބޭނުންކޮށްގެން އެއްގަމު އުޅަނދުގެ ރެޖިސްޓްރީގެ ނަކަލުތަކެއް އުފައްދާފައިވާކަން ފާހަގަވެފައިވާ މައްސަލަތަކެއް މިިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މިފަދަ 50 އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ގެޒެޓުގައި ޢާއްމުކޮށްފައެވެ. މީގެތެރޭގައި ކާރާއި، ސައިކަލުގެ ރަޖިސްޓްރީތައް ހިމެނެއެވެ. މިނިސްޓްރީއިން ވިދާޅުވެފައިވަނީ މިއީ، އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންއާއި ގުޅޭ ޕޯޓަލްގެ ތެރެއިން ބެލިބެލުމުގައި ފާހަގަކުރެވުނު ރަޖިސްޓްރޭޝަން މައްސަލަތަކެއްކަމަށެވެ.

މިނިސްޓްރީއިން ވަނީ މިގޮތަށް ސައްޙަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން އުފައްދާފައިވާ ނަކަލު ނަންބަރުތަކާއި ގުޅޭ އިތުރު މަޢުލޫމާތު ދެނެގަތުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. އެގޮތުން ރަޖިސްޓްރީގެ އަސްލުކަމަށް ވެރިފަރާތަށް ލިބިފައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

މި ލިޔެކިޔުންތައް 7 ދުވަހުގެ މުއްދަތުގައި ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ. މިނިސްޓްރީއިން ވިދާޅުވީ، މިގޮތަށް މައްސަލަ ހުރި އުޅަނދުތަކުގެ ރަޖިސްޓްރީތައް އިސްލާޙުކުރުމަށް ނުވަތަ ރީ-ރެޖިސްޓްރީ ކުރުމަށް ވެރިފަރަތަށް ފުރުޞަތު ދޭނެކަމަށެވެ. ނަމަވެސް މި މުއްދަތުގައި އިސްލާޙު ނުކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމަށް ވަނީ ބުނެފައެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަނާއި ގުޅޭ މައްސަލަތައް އިތުރުވެ، އެކަން މޮނިޓަރކުރުމުގެ ނިޒާމު ޓްރާންސްޕޯޓް މިނިސްޓްރިއިން ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދަނީ ރަޖިސްޓްރީކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައް ޢާއްމުކުރަމުންނެވެ.

މިގޮތަށް ނިންމީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ ހުރިހާ އުޅަނދުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގުނަ ނުދިނުމުގެގޮތުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ޢާންމުނަށް ފެންނަން ހުންނާނެހެން މިނިސްޓްރީގެ ވެބްސައިޓްގައި އަންނަނީ އާއްމުކުރަމުންނެވެ.